ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި، ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ("diethylene glycol and ethylene glycol”) ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެލާޓް ކޮށްފައިވާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދިއްޖެއެވެ.
އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޔޫރަޕިއަން ރީޖަންގައި ދައުރުވަމުންދާ ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި، ސިއްޚީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ، "ޑައިތްލީން ގްލައިކޯލް" އާއި "އެތްލީން ގްލައިކޯލް" ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާކަމަށެވެ.
އެ މާއްދާތައް ހިމެނެނީ އިންޑިއާގެ މެރިއަން ބައޮޓެކް ކުންފުނިން އުފައްދާފައިވާ އެމްބްރޮނޯލް ކޯފް ސިރަޕް (Amboronol cough syrup) އަދި ޑޮކް- މެކްސް ސިރަޕް (DOK-MAX syrup) ކިޔާ ދިޔާ ބޭހެއްގައިކަން ވަނީ ހޯދިފައެވެ.
އެހެންނަމަވެސް ޑަބްލިއުއެޗްއޯއިން ނެރުނު އިތުރު އެލާޓެއްގައި އިންގްލެންޑުގެ ފްރޭކެން އިންޓަނޭޝަނަލް އިން އުފައްދާ ކެމަރޫންގައި ދައުރުވަމުންދާ (NATURCOLD) ގައިވެސް އެ މާއްދާ، ހުރި ކަމަށް ފާހަގަ ކުރެވިފައިވާކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
އެމްއެފްޑީއޭއިން ބުނީ މިއީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯރޓް ވުމުގެ ފުރުސަތު އޮތްކަމަށް ވާތީ، މިކަމަށް ސަމާލުވުމަށް އެ އިދާރާއިން އެދޭ ކަމަށެވެ.
އޭގެ އިތުރުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސްސިޓީއަށް ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މީގެއިތުރުން، މިބޭސްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 7200321 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.