ކ. މާލެ
|
30 ޖުލައި 2023 | އާދީއްތަ 10:51
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ރައީސް ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރު ޑޮކްޓަރު މުޙައްމަދު މުއިއްޒު
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ރައީސް ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރު ޑޮކްޓަރު މުޙައްމަދު މުއިއްޒު
ޕީޕީއެމް
ކޮށާ މަށައިގެން ވެސް މުއިއްޒު ވިދާޅުވީ ބޭވަފާތެރިނުވާނެ ކަމަށް، ރިޔާސީ ޓިކެޓުގެ ވާހަކައެއް ނެތް!
 
އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ރިޔާސީ ރޭހަށް ނުކުމެވަޑައިނުގަނެވޭނެ ހާލަތަކަށް މުއިއްޒު ހުންނެވީ ވަރަށް ޚުޝިޔާރުކަމާއެކު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑޮކްޓަރު މުޙައްމަދު މުއިއްޒުގެ ޝައުޤުވެރިކަން އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ޓިކެޓަށް އޮތް ވާހަކަ އަކީ އައު ވާހަކައެއް ނޫނެވެ. ސިޔާސީ މަސްރަހުގައި ހިނގަމުން މިދާ އެންމެ ހޫނު ދުވަސްވަރު، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ ވާހަކަ ދައްކަ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ތުންތުން މަތިން އިވޭ ގޮތުގައި މުއިއްޒު އަންނަނީ ރިޔާސީ ޓިކެޓު ހޯއްދެވުމަށް "ފޫގަޅައިގެން" ހުންނަވާ މަސައްކަތްޕުޅު ކުރައްވަމުންނެވެ.

އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ރިޔާސީ ރޭހަށް ނުކުމެވަޑައިނުގަނެވޭނެ ހާލަތަކަށް މުއިއްޒު ހުންނެވީ ވަރަށް ޚުޝިޔާރު ކަމާއެކު އެވެ. އެކަމުގެ މަސައްކަތުގެ ތެރޭގައި މުއިއްޒު އުޅުއްވާކަމަށް ވާހަކަ ދެކެވެނިކޮށް، އެންމެ ފުރަތަމަ ފެނުނީ އެހެން މަންޒަރެކެވެ. ސީދާ ޔާމީންގެ އޯޑަރަށް މާލޭ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ ޕީޕީއެމް މެންބަރު އާދަމް ރަމީޒްގެ ސުލޫކީ މައްސަލައެއް ބައްލަވަން ފެއްޓެވި އެވެ. އެއާއެކު ރަމީޒް އަމިއްލަފުޅަށް ޕީޕީއެމުން އިސްތިއުފާ ދެއްވި އެވެ. ސިޔާސީ މައިދާނުގައި އުޅުއްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މިއީ ޕީޕީއެމާއި، ޚުދު ޔާމީނު ވެސް މުއިއްޒު އަށް ދެއްވި އިންޒާރުގެ ރަނގަބީލެކެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަރިހުގައި އޭރުގެ ހައުންސިން މިނިސްޓަރު ޑޮކްޓަރު މުއިއްޒު

ޕީޕީއެމްގެ ލީޑަރޝިޕުން ބާއްވާ ޕްރެސްތަކުގައި ދޭތެރެއަކުން މުއިއްޒު ވެސް ހުންނަވަ އެވެ. މާބޮޑު ކަމެއް ކުރައްވާކަށް ޖެހިވަޑައިނުގަންނަވަ އެވެ. ޖެހި ބުދެއްހެން ޕްރެސް ނިމެންދެން ހުންނަވަ އެވެ. ޕްރެސްގައި މުއިއްޒުއާ އަމާޒުކޮށް ސުވާލެއް ކުރި ނަމަވެސް، ޖަވާބު ދެއްވާކަށް ފުރުސަތެއް ލިބިވަޑައިނުގަންނަވަ އެވެ. ބަދަލުގައި ޖަވާބު ދެއްވަމުން އައީ ވަގުތީ ގޮތުން އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) އެވެ. އެވާހަކަތައް އެހެން އޮއްވާ، މިނިވަން ދުވަހު މުއިއްޒު މީޑިއާތަކާ ބަައްދަލު ކުރައްވަން ނިންމެވި އެވެ. މެންދުރު ފަހަށް ރޭވި އެ ބައްދަލުވުމަށް ވަގުތު ކުޑަތަންވެފައި އޮއްވާ، ކެންސަލް ކުރެއްވި އެވެ. ސަބަބެއް ނާންގަވަ އެވެ. ދެން ފެނުނީ ޓީވީ އެއް މެދުވެރިކޮށް މުއިއްޒު މެސެޖެއް ދެެއްވި މަންޒަރެވެ.

އެ ވާހަކަފުޅު ފައްޓަވައިގެން މުއިއްޒު ދައްކަވަމުން ގެންދެވީ ޔާމީންގެ މޮޅު ވާހަކަ އެވެ. ހިންގުންތެރި ވާހަކަ އެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމުގެ ވާހަކަ އެވެ. އެވަރުގެ ލީޑަރެއް މުއިއްޒުގެ ސިޔާސީ ޙަޔާތުގައި ވެސް ފެނިވަޑައިގެންފައިނުވާ ވާހަކަ އެވެ. މީގެ ކުރިން އެހެން ސިޔާސީ ޕާޓީތަކުގައި މުއިއްޒު އުޅުއްވި ދުވަސްވަރު ވެސް، މުއިއްޒުގެ ސިޔާސީ "ދުރުމީގައި" ޔާމީން ހުންނަވާ ވާހަކަ އެވެ. އެ ވާހަކަތަކުގެ ތެރެއިން ވެސް މުއިއްޒު ކުރިއަށް ނެރުއްވީ "ބޭވަފާތެރި" ނުވާނެ ވާހަކަ އެވެ. ޔާމީނަށް ސަޕޯޓު އޮތް ވާހަކަ އާއި ސަޕޯޓު އޮތް މިންވަރެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަރިހުގައި އޭރުގެ ހައުންސިން މިނިސްޓަރު ޑޮކްޓަރު މުއިއްޒު

ނަމަވެސް، އެންމެން ވެސް އިންތިޒާރު ކުރަމުން އައި ޓިކެޓުގެ ވާހަކަ މުއިއްޒު "ހަވާސާ" އިން ބޭރުކުރެއްވި އެވެ. އެެއްވެސް ހާލަތެއްގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ޝައުޤުވެރިނުވާ ވާހަކައެއް ނުވަތަ ޓިކެޓު ހޯއްދަވަން މަސައްކަތް ނުކުރައްވާ ވާހަކަފުޅެއް ނުދައްކަވަ އެވެ. އެހެންކަމުން، ބައި ގަޑިއިރެއްހާ އިރަށް ދެމިގެން ދިޔަ އެ ޕްރެސް އިން ވެސް ޕީޕީއެމްގެ އާންމު މެންބަރުން ބޭނުންވާ ސުވާލަށް ޖަވާބު ލިބުނު ކަމަށް ނުބެލެވެ އެވެ.

ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި މުއިއްޒު އެފަދައިންް ކަންތައްކުރައްވާފައި ވަނީ އެތެރެއިން ކުރިމަތިވަމުން އައި ފިއްތުންތަކުގެ ސަބަބުންނެވެ. އެކަން މުއިއްޒުގެ ވާހަކަފުޅުން ވެސް ސާފުވާ ކަމަށް ގިނަ މީހުން ބުނެ އެވެ. ސަބަބަކީ ކޮށަކޮށައިގެން، މަށަމަށައިގެން ވެސް މުއިއްޒު އެއް ވާހަކައެއް ވިދާޅުވަމުން ގެންދެވުމެވެ. މިވަގުތަށް ބަލާއިރު، ޕީޕީއެމްގެ ވެރިންގެ ނިންމުމާ ދެކޮޅަށް ނުކުންނަވައިފި ނަމަ، މުއިއްޒުގެ ސިޔާސީ ހަޔާތްޕުޅުގައި "ފުލުސްޓޮޕެއް" ޖެހުނީ އެވެ. އެހެންވެ މިވަގުތަށް އޭނާ މަޑުޖެހިލެއްވި ނަމަވެސް، ރިޔާސީ ޓިކެޓު ހޯއްދެވުމަށް މުއިއްޒު ފޫގަޅާލި ގޮތަށް އަދިވެސް އެގޮތުގައި ހުންނެވީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
33%
0%
0%
67%
ކޮމެންޓް