ކ. މާލެ
|
29 ޖުލައި 2023 | ހޮނިހިރު 13:34
ސިޓީގެ އައު އެއްބަސްވުމުގައި އަކޭ ސޮއި ކުރަނީ
ސިޓީގެ އައު އެއްބަސްވުމުގައި އަކޭ ސޮއި ކުރަނީ
ޓްވިޓަރ
މެންޗެސްޓަރ ސިޓީ
ސިޓީގެ ޑިފެންޑަރު ނޭތަން އަކޭ އެއްބަސްވުން އައު ކޮށްފި
 
ސިޓީ އާއެކު އޭނާ ސޮއި ކުރި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ޑިފެންޑަރު ނޭތަން އަކޭ އެކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައު ކޮށްފި އެވެ.

ބޯންމައުތު ދޫކޮށް އަކޭ ސިޓީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އޭރު އެކުލަބާއެކު އޭނާ ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން ސިޓީން އޭނާގެ އެއްބަސްވުން އައު ކުރީ ބާކީ ދެ އަހަރު އޮއްވަ އެވެ. ސިޓީ އާއެކު އޭނާ ސޮއި ކުރި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސިޓީ އަށް ބަދަލުވި ފަހުން އަކޭ އަކީ އެ ކުލަބުގެ ކޯޗު ޕެޕް ގާޑިއޯލާ އެންމެ އިސްކަން ދެމުން އަންނަ ކުޅުންތެރިޔެކެވެ. އެހެންކަމުން ދިގު މުއްދަތަކަށް އޭނާ ކުލަބުގައި ބަހައްޓަން ގާޑިއޯލާ ބޭނުން ވެސް ވެއެވެ.

ސިޓީގެ އެއްބަސްވުން އައު ކުރުމަށްފަހު ވާހަކަ ދައްކަމުން އަކޭ ބުނީ، ސިޓީ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ކުލަބު ކަމަށެވެ. އޭނާ ބުނީ ސިޓީގެ ކުޅުންތެރިޔެއްގެ ގޮތުގައި ހުރުމަކީ ކޮންމެ ދުވަހަކު ވެސް އޭނާ އަށް ފަޚުރުވެރިވެވޭ ފަދަ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސިޓީ އާއެކު ވީހާ ވެސް ގިނަ ކާމިޔާބީ ހޯދަން ބޭނުންވާ ކަމަށް ވެސް އަކޭ ވަނީ ބުނެފަ އެވެ.

އަކޭ ވަނީ މިހާތަނަށް ސިޓީ އަށް ކުޅެދިން 81 މެޗުގައި ހަތް ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އެކުލަބާއެކު އޭނާ ވަނީ ހަ ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް