ކ. މާލެ
|
28 ޖުލައި 2023 | ހުކުރު 07:20
ރޯޑް ޝޯގެ ތެރެއިން
ރޯޑް ޝޯގެ ތެރެއިން
އެމްއެމްޕީއާރްސީ
ރޯޑް ޝޯ
އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ރޯޑްޝޯތަކެއް ބާއްވައިފި
އިންޑިއާގެ ލަކްނައު، ޖައިޕޫރ އަދި ޗަންދިގަރ ގައި ރޯޑް ޝޯ ބޭއްވި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންޑިއާގެ ލަކްނައު، ޖައިޕޫރ އަދި ޗަންދިގަރ ގައި ކާމިޔާބު ސިލްސިލާ ރޯޑްޝޯތަކެއް ބާއްވައިފިއެވެ. 

މި ސިލްސިލާގެ ފުރަތަމަ ރޯޑްޝޯ ބޭއްވީ 17 ޖުލައި 2023ގައި ލަކްނައުގައެވެ. ދެވަނަ ރޯޑްޝޯ ޖައިޕޫރުގައި 19 ޖުލައި 2023 ގައި ބޭއްވިއިރު، ތިންވަނަ ރޯޑްޝޯ ބާއްވާފައިވަނީ 20 ޖުލައި 2023 ގައި ޗަންދީގަރުގައެވެ. 

މި ސިލްސިލާ ރޯޑްޝޯތަކުގެ މައިގަނޑު އަމާޒަކީ އިންޑިއާ މާކެޓުގެ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުންނާ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން، ރާއްޖޭގެ ޓޮޕް ސޯސް މާކެޓްގެ ގޮތުގައި އިންޑިއާ ދެމެހެއްޓުން ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ. 

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަޝްހޫރު 22 ކުންފުންޏަކުން މި ރޯޑްޝޯގައި ބައިވެރިވެ، އެ ކުންފުނިތަކުގެ ތަފާތު އުފެއްދުންތަކާއި ހިދުމަތްތައް މި ރޯޑްޝޯގައި އިންޑިއާ މާކެޓަށް ހުށައެޅިއެވެ. 

އެމްއެމްޕީއާރުސީއިން ވަނީ މި ރޯޑްޝޯ ސިލްސިލާގެ ތެރެއިން ރެފަލްތަކެއް ނަގާފައެވެ. މި ގޮތުން، ލަކްނައުއިން ނަސީބުވެރި 01 ފަރާތަކަށް ސިނަމަން ވެލިފުށީގައި 2 ދުވަހުގެ ހިލޭ ޗުއްޓިއެއް ހޭދަކުރުމުގެ ފުރުސަތެއް ވަނީ ހަދިޔާކޮށްފައެވެ.

ޖައިޕޫރްގައި ބޭއްވި ރޯޑްޝޯއިން ހޮވުނު ނަސީބުވެރި ފަރާތަށް ޖޭ ޑަބްލިޔު މެރިއަޓް ހިލޭ ޗުއްޓީއެއް ހަދިޔާކުރިއެވެ. އަދި މި ސިލްސިލާގެ އެންމެ ފަހު ރޯޑްޝޯ، ޗަންދިގަރގައި ބޭއްވި

ރޯޑްޝޯގައި ރޮބިންސަން މޯލްޑިވްސްގެ ހިލޭ ޗުއްޓީއެއް ރެފްލްއަކުން ނަސީބުވެރިއަކަށް ދިނެއެވެ.

ކޯވިޑް-19 އަށް ފަހު އިންޑިއާ އަކީ މެދުކެނޑުމެއްނެތި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރާ އެއް މާކެޓްއެވެ. 16 ޖުލައި 2023 ގެ ނިޔަލަށް ޖުމްލަ 171،131 ފަތުރުވެރިން އިންޑިއާއިން އައިސްފައިވާއިރު، އެއީ މި އަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މާކެޓެވެ. 

އެމްއެމްޕީއާރުސީގެ 360ޑިގްރީ މާކެޓިންގ ހަރަކާތްތަކުގެ ދަށުން މި މާކެޓުގައި ރާއްޖޭގެ ޕްރެސެންސް ވަރުގަދަ ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންދެއެވެ. 

މި އަހަރުގެ ބާކީއޮތް ފަސް މަސްދުވަހުގެ ތެރޭގައި ކުރިއަށްގެންދިޔުމަށް ރާވާފައިވާ އިތުރު މާކެޓިންގ ހަރަކާތްތަކުގެ ތެރޭގައި އެންމެ މަޝްހޫރު ޕަބްލިކޭޝަންތަކުގައި ރާއްޖެ އިޝްތިހާރުކުރުމާއި، ފެމިލިއަލައިޒޭޝަން ދަތުރުތަކާއި ޖޮއިންޓް މާކެޓިންގ ހަރަކާތްތަކާއި ރީޓެއިލް އެކްޓިވޭޝަން ފަދަ ގިނަ މާކެޓިންގ ހަރަކާތްތައް ހިމެނެއެވެ.

- ކޮމެންޓް