ކ. މާލެ
|
28 ޖުލައި 2023 | ހުކުރު 07:08
އިހަވަންދޫ ބިން ހިއްކާ ނިމުން
އިހަވަންދޫ ބިން ހިއްކާ ނިމުން
އެމްޓީސީސީ
އިހަވަންދޫ ބިން ހިއްކުން
އިހަވަންދޫގެ 25 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފި
 
850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ
 
މުޅި ޕްރޮޖެކްޓްގެ %75 މަސައްކަތް ވަނީ މިހާރު ނިމިފައި

ހއ. އިހަވަންދޫގެ 25 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2021 ވަނަ އަހަރު އެވެ. ނަމަވެސް މަޝްރޫއުގެ ވަކި ހިސާބަކުން އެ މަސައްކަތުގައި ބޭނުންކުރި އުޅަނދު އެހެން ތަނަކަށް ވަގުތީގޮތުން ގެންދިއުމާ ގުޅިގެން މިމަޝްރޫއު ހުއްޓުމަކަށް އައެވެ. އޭގެފަހުން އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ ބެލްޖިއަމްގެ ކުންފުންފުންޏަކުން ރާއްޖެއަށް ކުއްޔަށް ގެނެސްފައިވާ ޑްރެޖު "ފިލީޕޯ ބްރޫނެލޭޝީ" ބޭނުންކޮށްގެންނެވެ. މިއީ ދުވާލެއްގެ މައްޗަށް ހެކްޓަރެއްގެ ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ.

މިމަސައްކަތް އަލުން ޖުލައި 12 ވަނަ ދުވަހު ފަށާފައިވާއިރު ޖުލައި 27 ވަނަ ދުވަހު އެމްޓީސީސީން ބުނީ އިހަވަންދޫގެ ބިން ހިއްކާ ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ހުރިހާ ބޮޑުހިލަތަކެއްވެސް ވަނީ ސައިޓަށް ގެންދެވި އަންލޯޑް ކުރެވިފައިކަމަށް އެމްޓީސީސީން ބުނެއެވެ. ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ %54 ފުރިހަމަކުރެވިފައިވާއިރު، މުޅި ޕްރޮޖެކްޓްގެ %75 މަސައްކަތް ވަނީ މިހާރު ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫޢަކީ 116.94 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް