އައްޑޫ ސިޓީ
|
27 ޖުލައި 2023 | ބުރާސްފަތި 17:00
މިނިވަން ދުވަހާ ގުޅިގެން އައްޑޫގައި މިރޭ ހަވާއަރުވާނެ
މިނިވަން ދުވަހާ ގުޅިގެން އައްޑޫގައި މިރޭ ހަވާއަރުވާނެ
މުހައްމަދު ޝަރުހާން
މިނިވަން ދުވަސް ފާހަގަކުރުން
އައްޑޫ ފުޅަނދުބުރު މާދަމާ ރެޔަށް ފަސްކޮށް، ކުޅިވަރު ހަރަކާތްތަކާއި ހަވާއެރުވުމުން މިރޭ!
 
ފުޅަނދުބުރު ގުޅިފައިވާ އަވަށްތަކުގައި ވެސް ދައްކާލާނެ

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން އައްޑޫ ސިޓީގައި ގިނަ ހަރަކާތްތަކެއް ބާއްވަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެގޮތުން އެންމެ ފުރަތަމަ 26 ޖުލައި ވަނަ ދުވަހުގެ ހެނދުނު 6:00ގައި ސިޓީ ސްކޮޔަރގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. އަދި މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ބާއްވާ ޚާއްސަ ޖަލްސާ އައްޑޫ ހައި ސްކޫލުގައި ބުދަ ދުވަހުގެ ހެނދުނު ބާއްވާފައިވާއިރު، މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމެވެ.

އެއަށްފަހު މިނިވަންދުވަހުގެ ހަރަކާތްތައް ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒާއި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތައް ބުރާސްފަތި ދުވަހުގެ ރޭ ފެށޭނެއެވެ. އެގޮތުން ސިޓީ ސްކޮޔަރގައި ސްކޫލް ކުދިންގެ ކުޅިވަރު ހަރަކާތްތަކާއި ހަވާ އެރުވުން ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. މިރޭ 20:30ން ފެށިގެން ސިޓީ ސްކޮޔަރގައި، މިނިވަން ދުވަހާ ގުޅިގެން ހިންގާ ހަރަކާތްތައް ކުރިއަށްދާނެއެވެ.

ފުޅަނދުބުރުވެސް ކުރިން މިރޭ ބާއްވަން ނިންމާފައި އޮތުމަށްފަހު، މިހާރު ހިތަދޫގައި ފުޅަނދުބުރުގެ ބާއްވަން ނިންމާފައިވަނީ ހުކުރު ދުވަހުގެ ރޭ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މިގޮތަށް ނިންމީ ފުޅަނދުބުރުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ވަނަތަކަށް އައި ފުޅަނދުތައް ހޮވުންވެސް އޮންނާތީ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މީގެ އިތުރުން، ގުޅިފައިވާ ރަށްތަކަށް ފުޅަނދުބުރު ދައްކާލުން އޮތީ ޖުލައި 29 ވަނަ ދުވަހުރެއެވެ. މިއީ މިފަދަ ކުލަގަދަ ގޮތެއްގައި އައްޑޫ ސިޓީގައި މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތައް ބާއްވާ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
25%
0%
25%
13%
0%
38%
ކޮމެންޓް