އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަޙުމަތްތެރިކަމުގެ މެޗުގައި އާސެނަލް އިން ފަހަތުން އަރައި ބާސެލޯނާ ބަލިކޮށްފި އެވެ.
ބުރާސްފަތި ދުވަހު ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 5-3 އިންނެވެ. މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާ އަށް ލީޑު ނަގައިދީފަ އެވެ. އޭގެ ހަ މިނެޓު ފަހުން ބުކަޔޯ ސަކާ ވަނީ ލަނޑެއް ޖަހައި އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ދެ ވަނަ ފަހަރަށް ބާސެލޯނާ އަށް ލީޑު ނަގައިދިނީ 34 ވަނަ މިނެޓުގައި ރަފީނިއާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކައި ހަވާޓްޒް ވަނީ ލަނޑު ޖަހައި އާސެނަލަށް ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ދެ ވަނަ ހާފަށް ނުކުމެ އާސެނަލް އިން ވަނީ ދެ ލަނޑު ޖަހައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފަ އެވެ. ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ ލިއާންޑްރޯ ޓްރޮސާޑް އެވެ. އޭގެ ފަހުން މެޗުގެ 88 ވަނަ މިނެޓުގައި ބާސެލޯނާގެ ފެރާން ޓޮރޭސް އެ ޓީމަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، މެޗުގެ ފަހު ވަގުތު ފަބިއޯ ވިއެރާ ވަނީ އާސެނަލްގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ.
ސީޒަން ފެށުމުގެ ކުރިން ބާސެލޯނާ އިން ދެން ކުޅޭނީ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗާއި އޭސީ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ.