ކ. މާލެ
|
27 ޖުލައި 2023 | ބުރާސްފަތި 07:59
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ރާއްޖެއެމްވީ
ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުން
ގުޅުން ގާއިމުކުރަން ބޭނުންވާ ހުރިހާ ގައުމަކާއެކު ގުޅުން ގާއިމުކުރުމަކީ އަމާޒެއް: މިނިސްޓަރު ޝާހިދު
193 ގައުމުގެ ތެރެއިން 185 ގައުމާއެކު ޑިޕްލޮމެޓިކް ގުޅުން ވަނީ ގާއިމުކޮށްފައި
95 ގައުމަކަށް ކުރިން ވިސާ ހެއްދުމަކާ ނުލާ ދިވެހި ޕާސްޕޯޓްގައި ދަތުރުކުރެވޭނެ

މިސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރާ މަސައްކަތަކީ ދުނިޔޭގެ ހުރިހާ ގައުމަކާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުންކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޚާރިޖީ މިނިވަންކަމާއި މިސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއިން އެންމެ ފުރަތަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވަނީ އިނގިރޭސިވިލާތާއެކު ކަމަށެވެ. އެއީ 1965 ވަނަ އަހަރު ކަމުގައިކަމަށާއި އޭގެފަހުން މިހާތަނަށް 185 ގައުމަކާއެކު ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

193 ގައުމު ދުނިޔޭގައި އޮންނައިރު އަމާޒަކީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ހުރިހާ ގައުމަކާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުންކަމަށާއި ނަމަވެސް އެކަމުގައި ރާއްޖެއިން ގެންގުޅޭ އުސޫލެއް އޮންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އެމަސައްކަތް ކުރިޔަށް ގެންގޮސް ހުރިހާ ގައުމަކާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށް ނިންމޭނެ. ނަމަވެސް ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމުގައި އަޅުގަނޑުމެން ގެންގުޅޭ އުސޫލެއް އޮންނާނެ. އެއީ އަޅުގަނޑުމެންނާ ޑިޕްލޮމެޓިމް ގުޅުން ގާއިމުކުރާ ގައުމު ވާންޖެހޭނެ އދ ގެ ޗާޓަރަށް ހުރުމަތްތެރިކޮށް ހިތާ ބައިނަލްއަގްވާމީ ގާނޫނަށް ބޯލަނބާ އަޅުގަނޑުމެންނާއެކު އެކުވެރިކަމުގެ ގުޅުން ބާއްވަން ބޭނުންވާ ގައުމެއްކަމުގައި. އެނޫން ގައުމެއް ނަމަ އެގައުމަކާއެކު ގުޅުމެއް ނޯންނާނެ.
އަބްދުﷲ ޝާހިދު / ފޮރިން މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ ގައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމުން ލިބޭ ފައިދާއަކީ ކޮންމެ ގައުމަކާއެކުވެސް ރާއްޖެއަށް ވަކި ލިޔުމެއް އޮންނާނެކަމަށެވެ. ދެ ގައުމުގެ ދޭތެރޭގައި މިނިވަން ސިޔާދަތީ ގައުމެއްގެ ގޮތުގައި ގަބޫލުކުރެވުނުކަމާއި އދ ގެ ޗާޓަރަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރެވޭނެކަމަށެވެ. އަދި ދެގައުމު ގުޅިގެން ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ އެއްބަސްވުމެއް އޭރުން އޮންނާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ ބައިނަލްއަގްވާމީ މަސްރަހުގައި ވަރަށް ބޮޑަށް ބިކަވެ ބާކީވެފައިކަމަށެވެ. އެހެންކަމުން ރައީސް ޞާލިހުގެ ސަރުކާރުގެ ފުރަތަމަ މަސައްކަތަކަށްވީ ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެއާމެދު އޮތް ތަސައްވަރު ބަދަލުކުރުންކަމަށެވެ.

މިއަދު ހިތްހަމަޖެހުމާއެކު ބުނަން މިއަދު ރާއްޖެއަކީ މުޅި ދުނިޔެ ބަލައިގަންނަ ގައުމެއް. އަދި ދުނިޔޭގެ ހުރިހާ ގައުމަކުން އިތުބާރު ކުރާ ގައުމެއް. ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއްނަމަވެސް ދުނިޔޭގެ ހުރިހާ ގައުމަކުން ރާއްޖޭގެ ލީޑަރޝިޕް ބަލައިގަނޭ. ރައީސް ޞާލިހުގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު ތިން ތަނބު ކަމުގައިވާ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވުމާއި ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި މިކަންތައްތަކުގައި ރާއްޖެއަކީ ލީޑަރެއްކަމަށް ބަލައިގަނެފައި މިވަނީ. ކުރިން ގުޅުން ކަނޑާލި ގަތަރާއި އީރާނާއެކު ގުޅުން ގާއިމުކޮށްފައިމިވަނީ. މިވަނީ ކޮމަންވެލްތާއި އަލުން ގުޅުން ގާއިމުކޮށް މެމްބަރަކަށްވެފައި.
އަބްދުﷲ ޝާހިދު / ފޮރިން މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ 193 ގައުމުގެ ތެރެއިން 95 ގައުމަކަށް ކުރިން ވިސާނެތި ދިވެހި ޕާސްޕޯޓުގައި މިއަދު ދަތުރުކުރެވޭނެކަމަށެވެ. މިސަރަހައްދުގައި އެންމެ ބާރު ގަދަ ޕާސްޕޯޓް އޮތީ ދިވެހިންގެ އަތުގައިކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ޖަލްސާތަކުގައި މިއަދު ރާއްޖެއޭ ބުނުމުން ތެދުވެ ސަލާންކޮށް ރާއްޖޭގެ ތަޖުރިބާ އަހާ ގައުމުތައް މަދު ނޫންކަމަށް މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

- ކޮމެންޓް