ކޮންމެ އަހަރެއްގެ ޖުލައި 26 ވެގެންދަނީ ޗުއްޓީ ދުވަހަކަށެވެ. މުޅި ރާއްޖޭގައި ވެސް މި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. އެ ދުވަހު ސަގާފީ އެކި ހަރަކާތްތަކާއި ކުޅިވަރުތައް އޮވެއެވެ. ގިނަ ބަޔަކު ދިވެހި ސަގާފީ ހެދުމުގައި ބޭރަށް ނުކުމެ އެކި ހަފްލާތަކަށާއި ކުޅިވަރާއި ސަގާފީ ހަރަކާތްތައް ބަލަން އެއްވެއެވެ. މިއީ މިއަދު ދިވެހިރާއްޖޭގެ ބައެއް ކުދިންނަށް ޖުލައި 26 އެނގިފައި އޮންނަ ގޮތެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ގިނަ ކުދިންނަށް ޖުލައި 26 އަކީ ކީއްވެގެން ފާހަގަކުރާ ދުވަހެއް ކަމެއް ނޭނގޭތަނުގައި އެއީ މިނިވަން ދުވަސް ކަން ވެސް ނޭނގެއެވެ. އެ ދުވަސް އެނގިފައި އޮންނަނީ "ޖުލައި 26" ގެ ގޮތުގައެވެ. މިއީ ރާއްޖޭގެ ތާރީހު މިއަދުގެ ކުދިންނަށް އެނގޭވަރު ހާމަކޮށްދޭ ކުޑަ މިސާލެކެވެ. ގިނަ ކުދިންނަށް ރާއްޖޭގައި ފާހަގަކުރާ މުހިންމު ދުވަސްތައް ކަމަށްވާ, މިނިވަން ދުވަހާއި ނަސްރުގެ ދުވަހާއި ޤައުމީ ދުވަހާއި ޖުމްހޫރީ ދުވަސް ފަދަ ދުވަސްތައް ވަކި ކުރާކަށް ނޭނގެއެވެ. ކޮންމެ ދުވަހަކީ ވަކި ކަމެއް ފާހަގަކުރާ ދުވަހަކަށްވާއިރު ކުދިންނަށް އެ ދުވަސްތައް އެނގިފައި އޮންނަނީ ސަގާފީ ހެދުންތައް ލައިގެން ސްކޫލަށް ދާ ދުވަހެއް ނުވަތަ ސަގާފީ ހަރަކާތްތައް ހިންގާ ދުވަހެއްގެ ގޮތުގައެވެ.
މިނިވަން ދުވަހާ ގުޅޭގޮތުން ބައެއް ކުދިންނާ ސުވާލުކޮށްލުމުން އެއްބައި ކުދިންނަށް އެ ދުވަސް ފާހަގަކުރާ ސަބަބެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. އެއީ ދިވެހީން އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަންވި ދުވަސްކަން ވެސް އެނގެނީ މަދު ކުދިންނަށެވެ. އެ ދުވަހާ ގުޅޭ މައުލޫމާތު ނޭނގެނީ ސްކޫލުގައި, ރާއްޖޭގައި ފާހަގަކުރާ ދުވަސްތައް ކިޔައިދިން ނަމަވެސް އެ ދުވަހުގެ މުހިންމު ކަމާ ގުޅޭގޮތުން އެހާ ބޮޑަށް ކިޔައި ނުދޭތީ ކަމަށް ކުދިން ބުނެއެވެ. މީގެ ސަބަބުން ކުދިންނަށް ރާއްޖޭގައި ފާހަގަކުރާ ދުވަސްތަކާއި ތާރީހީ މުހިންމު ކަންކަން އޮންނަނީ އޮޅިފައެވެ.
ސްކޫލް ކުދިންނަށް މިފަދަ ދުވަސްތަކުގެ މުހިންމުކަން ނޭނގޭތަނުގައި ބައެއް ޒުވާނުންނަށް ވެސް ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ މިފަދަ މުހިންމު ކަންކަމުގެ މާބޮޑު މައުލޫމާތެއް ނުހުރެއެވެ. އެ ތާރީހީ މައުލޫމާތުތައް އެނގެން ބޭނުންވެސް ނުވަނީއެވެ. ދިވެހިރާއްޖެ މިއޮތީ މިނިވަންވެފައެވެ. އެ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތާއި ކާބަފައިން ވި ގުރުބާނީއަކީ އެހާ މުހިންމު ވާހަކަތަކެއް ނޫނެވެ.
މިއީ ހިތާމަކުރަން ޖެހޭ ކަމެކެވެ. ރާއްޖޭގެ މިފަދަ މުހިންމު ތާރީހުތަކާއި ހިނގާފައިވާ މުހިންމު ކަންކަމުގެ މައުލޫމާތު ހިމެނޭ ފޮތްތައް ހުރި ނަމަވެސް ގިނަ ބަޔަކާ ހަމައަށް އެ މައުލޫމާތު ފޯރުކޮށްދެވޭނީ ސްކޫލް ދައުރުން ފެށިގެން ކުދިންނަށް އެ ދުވަސްތަކުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ކިޔައިދީގެންނެވެ. އެހެނިހެން ޤައުމުތަކުގައި އެ ޤައުމުތަކުގައި ހިނގާފައިވާ މިފަދަ މުހިންމު ކަންކަން އައު ޖީލުތަކަށް ފޯރުކޮށްދިނުމަށް ސްކޫލުގައި އެކަމަށް ހާއްސަކޮށްގެން ތާރީހު ނުވަތަ ހިސްޓްރީ މާއްދާއެއް ވެސް ކިޔަވައިދެއެވެ. ރާއްޖޭގައި ދިވެހި ތާރީހު ކިޔައިދިނުމަށް ހާއްސަ މާއްދާއެއް ސްކޫލްތަކުގައި ނޯވެއެވެ. މި މައުލޫމާތު ފޯރުކޮށްދެވެނީ ދިވެހި މާއްދާގެ ތެރެއިން ވަރަށް ކުޑަކޮށެވެ.
މިގޮތަށް ކުރިއަށްދާނަމަ ކުރިއަށް އޮތްތަނުގައި ޖުލައި 26އާއި އެފަދަ އެހެން ދުވަސްތައް ވެގެންދާނީ ސަގާފީ ހެދުން ލައިގެން, ނަލަވަގެން ފޮޓޯ ނަގާލަން ދާނެ އިތުރު ދުވަހަކަށެވެ.