މިނިވަން ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ދެގޮތެއްނުވެ ސާބިތުކަމާއެކު ދިވެހިރާއްޖެއިން ދެމިތިބޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވައިފިއެވެ.
ފަތަސްތީނުގެ މައްސަލައާ ގުޅޭގޮތުން މިނިސްޓަރު ޝާހިދު ވިދާޅުވީ އިސްރާޢީލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގެ އިސްތިޝާރީ ލަފައެއް ހޯއްދެއްވުމަށް އދ. އާންމު މަޖިލީހުން ހުށަހަޅުއްވާފައިވާ މައްސަލައިގައި، ދިވެހިރާއްޖެއިން ވަނީ އައި.ސީ.ޖޭ އަށް ލިޔުމުން ބަޔާނެއް ހުށަހަޅާފައި ކަމަށެވެ. އަދި މިނިވަން، މުސްތަގިއްލު، ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ދެގޮތެއްނުވެ ސާބިތުކަމާއެކު ރާއްޖެއިން ދެމިތިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޝާހިދު ދެއްވިއެވެ.
މީގެ އިތުރުން ފަލަސްޠީނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަލީދް އަބޫ ޢަލީ ވަނީ ފަލަސްޠީނުގެ ހައްގު ހޯދުމަށް އެ ގައުމުން ކުރާ މަސައްކަތުގައި ރާއްޖެއިން އެ ގައުމަށްދޭ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަންގާރަ ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އާބައްދަލުކުރައްވައި ރާއްޖެއާއި ފަލަސްތީނާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމާއި، އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ރާއްޖެއަކީ އަަބަދުވެސް ފަލަސްތީނުދެކެ ލޯބިވާ ރައްޔިތުން އުޅޭ ގައުމެއްކަން ފާހަގަކުރައްވައި ޚާއްސަކޮށް ރާއްޖޭގެ ޒުވާނުން ފަލަސްތީނަށް ކުރާ ތާއީދަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މިއަދު އިސްލާމީ ގައުމުތަކަށް ދިމާވެފައިވާ ހިތާމަވެރިކަންކަމަށް ބައްލަވައި، އިސްލާމީ ގައުމުތަކުން ވިސްނަންޖެހޭ މުހިންމު ކަންތައްތަކާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.