ކ. މާލެ
|
25 ޖުލައި 2023 | އަންގާރަ 17:32
ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އެމްޓީސީސީއާ މަޝްރޫއުތައް ހަވާލުކުރުން
ތިން ރަށެއްގެ ބިން ހިއްކުމާއި އުކުޅަހުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އދ. މަހިބަދޫ އާއި ދ. މާއެނބޫދޫ އަދި ލ. މާވަށުގެ ބިން ހިއްކުމުގެ މަސައްކަތް

ތިން ރަށެއްގެ ބިން ހިއްކުމާއި އއ. އުކުޅަހުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އަންގާރަ ދުވަހު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އުކުޅަހުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން އދ. މަހިބަދޫ އާއި ދ. މާއެނބޫދޫ އަދި ލ. މާވަށުގެ ބިން ހިއްކުމުގެ މަސައްކަތެވެ. މި މަޝްރޫއުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އދ. މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބިމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް ރަށުގެ ހުޅަނގު ފަރާތުގެ ފަޅުތެރެއިން ހަތް ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 43،672،633.38 (ސާޅީސް ތިން މިލިއަން ހަ ލައްކަ ހަތްދިހަ ދެހާސް ހަސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް އަށް ލާރި) އަށް 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

Advertisement

މާއެނބޫދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެ ރަށުގެ ހުޅަނގުފަރާތުން އަދި ދެކުނު ފަރާތުން 15 ހެކްޓަރުގެ ބިން ހިއްކުމަށެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 82،903،165.20 (އައްޑިހަ ދެ މިލިއަން ނުވަލައްކަ ތިން ހާސް ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ވިހި ލާރި) އަށް 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ޕްލޭނިން މިނިސްޓްރީން މާވަށުގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 66،386،044.80 (ފަސްދޮޅަސް ހަ މިލިއަން ތިން ލައްކަ އައްޑިހަ ހަ ހާސް ސާޅީސް ހަތަރު ރުފިޔާ އައްޑިހަ ލާރި) އަށެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގެ އިރު އުތުރު ފަރާތު ފަޅުތެރެއިން 15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ނިންމަން ދީފައިވަނީ 240 ދުވަހުގެ މުއްދަތެކެވެ.

އުކުޅަހުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 650 މޯޓަރުގެ ބޭރު ތޮށި ޖަހައި، 90 މީޓަރުގެ ގްރޮއިން ޖަހާނެއެވެ. އަދި ގޮނޑުދޮށަށް ވެލި އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކުރީ 28،037،577.60 (އަށާވީސް މިލިއަން ތިރީސް ހަތް ހާސް ފައްސަތޭކަ ހަތްދިހަ ހަތް ރުފިޔާ ފަސްދޮޅަސް ލާރި) އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް