ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނުނިމި އޮތުމުން އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ ދެވަނަ މައްސަލަ ވެސް އެ ކޯޓުން ބަލައިނުގަތުމަށް ނިންމައިފިއެވެ.
މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ އިސްތިއުނާފް މައްސަލަ ނުނިމި އޮތުމުން އެ މަނިކުފާނުގެ އިންތިހާބީ ހައްގު ގެއްލޭ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓަށް ކުރިން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ވެސް އެ ކޯޓުން އޮތީ ބަލައިނުގަތުމަށް ނިންމައިފައެވެ.
އޭގެފަހުން ޔާމީންގެ ފަރާތްޕުޅުން އަންގާރަ ދުވަހު ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ނިންމީ އެއީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސްގެ ތެރޭގައި ހިމެނޭ، ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ފަދަ ދުސްތޫރީ މައްސަލައަކަށް ނުވާތީ ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައިވެއެވެ.
ރަޖިސްޓްރާ އެގޮތަށް ނިންމެވިޔަސް، އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިގަންނަވާނެއެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ކުރިން ކުރިއަށް ގެންދިޔަ އެވެ. އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ އެ ހުކުމް ބާތިލް ކުރުމުންނެވެ.
ޔާމީންގެ އިންތިޚާބީ ހައްގުތައް ކަށަވަރުކުރުމަށް ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް މަސައްކަތްކުރައްވަމުން ގެންދަވާއިރު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ ފޯމްގައި, ކަރެކްޝަނަލް ސަރވިސްގެ އެހީތެރިކަމާއެކު ސޮއިކުރެއްވުމަށްފަހު އެ ފޯރމް އަނބުރާ ޕީޕީއެމްއާ ހަވާލުކޮށްފައި ވާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި ޔާމީންގެ ރަނިންގ މޭޓެއް ކަނޑައެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.