ކ. މާލެ
|
25 ޖުލައި 2023 | އަންގާރަ 11:20
އަދީބު އެޑްމިޓުކުރައްވާފައި ވަނިކޮށް ނަގާފައިވާ ފޮޓޯއެއް
އަދީބު އެޑްމިޓުކުރައްވާފައި ވަނިކޮށް ނަގާފައިވާ ފޮޓޯއެއް
މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް
އަދީބުގެ ބޭސްފަރުވާ
އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފި
އެގޮތަށް ނިންމީ މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާފައިވާ މެޑިކަލް ޑޮކިއުމެންޓްތަކަށް ރިޢާއަތްކޮށް
މުއްދަތު ހަމަވުމުން، ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އޭނާގެ ފަރާތްޕުޅުން ވަނީ އެދިފައި
އަދީބު ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ އެކި ޑޮކްޓަރުން އެކަމަށް ލަފާދެއްވާފައިވާތީ

ކުރީގެ ނާއިބްރައީސް އަޙްމަދު އަދީބްގެ ބޭސްފަރުވާގެ މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިތުރު ކޮށްދީފިއެވެ.

އެކަމާ ގުޅޭގޮތުން ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ، ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބް ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާފައިވާ މެޑިކަލް ޑޮކިއުމެންޓްތަކަށް ރިޢާއަތްކޮށް، އޭނާއަށް ދެވިފައިވާ ހުއްދަ 28 އޮގަސްޓް 2023 އާ ހަމައަށް އިތުރުކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ އެ އިދާރާއިން ފުރަތަމަ އަދީބަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތަކަށެވެ. އެއީ މެޑިކަލް ބޯޑުގެ ލަފަޔާއެކުއެވެ.

އެ މުއްދަތު ހަމަވުމުން، ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އޭނާގެ ފަރާތްޕުޅުން ވަނީ އެދިފައެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ، އާންމު އުސޫލުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ގައިދީންގެ ފަރުވާ ނުނިމޭނަމަ، އެކަމާގުޅޭ ލިޔެކިއުންތަކާއެކު އެ އިދާރާއަށް ހުށަހަޅަންޖެހޭ ޖެހޭ ކަމަށެވެ. އެގޮތުގެ މަތިން އަދީބުވެސް ވަނީ ބޭސްފަރުވާއަށް ދިއުމަށް ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ލިއެކިއުންތައް ހުށައަޅުއްވާފައެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ 2020 ވަނަ އަހަރުއެވެ. އެކަމަކު ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމާއެކު، އެ ހުކުމަށްފަހު އަދީބު ޖަލު ބަންދުން ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލުކޮޅު ހުރިގޮތުން ކަމަށް ބުނެއެވެ.

އޭގެ ފަހުން އަދީބުގެ ހާލުކޮޅު ސީރިއަސްވެ، އައިޖީއެމްއެޗްގައި ދާދި ފަހުން ވަނީ ފަރުވާ ދީފައެވެ. އަދީބު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެމްޓީޑީން މީގެ ކުރިން ބުނެފައިވަނީ އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔެއް ތަހައްމަލުކުރައްވަމުން ކަމަށެވެ.

އެމްޓީޑީން ބުނީ އަދީބު ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ އެކި ޑޮކްޓަރުން އެކަމަށް ލަފާދެއްވާފައިވާތީ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް