އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ކުޅުނު ފުރަތަމަ މެޗުގައި ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު ޖެރާޑޯ މާޓިނޯ ތައުރީފު ކޮށްފި އެވެ.
ލީގު ކަޕްގައި ކުޅުނު މެޗު އެއްވަރުވާން ދަނިކޮށް ފަހު ވަގުތު މިއާމީ މޮޅުވީ މެސީ ކާމިޔާބު ކުރީ ހިލޭ ޖެހުމަކުންނެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން މާޓިނޯ ބުނީ، މެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެ ތިބި ކަމަށާއި ފަހު ވަގުތު މެސީ އެކަހަލަ މޮޅެއް ހޯދައިދިނުމުން ސަޕޯޓަރުންނަށް ވާނެ ގޮތް އެނގޭ ކަމަށެވެ. އޭނާ ބުނީ ހިލޭ ޖެހުން ލިބުނު ވަގުތުން ފެށިގެން، މެސީ އެ ލަނޑު ކާމިޔާބު ކުރާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޭނާ އަށް އޮތް ކަމަށެވެ. މާޓިނޯ ފާހަގަ ކުރި ގޮތުގައި އެ ހިސާބުގައި މެސީ އަށް ހިލޭ ޖެހުމެއް ކާމިޔާބު ކުރުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.
މީގެ އިތުރުން މާޓިނޯ ބުނީ، މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މެކްސިކޯ ކޮޅަށް މެސީ ޖެހި ލަނޑުގެ ވާހަކަ ވެސް ދައްކައިފަ އެވެ. އޭނާ ބުނީ، އާޖެންޓީނާ ޓީމު ޕްރެޝަރުގައި އޮތްއިރު، މެކްސިކޯ އިން ދިޔައީ އެ ޓީމުން ލަނޑެއް ޖެހި ނުދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން ކަމަށެވެ. ނަމަވެސް އެހެން ދަނިކޮށް މެސީ އަށް ލިބުނު ބޯޅައެއް އޭނާ ގޯލަށް ވައްދާލުމުން އެންމެނަށް ހައިރާންކަމެއް ލިބުނު ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ މެސީ އަށް ބޯޅަ ލިބުނު ހިސާބާއި، އެ ހިސާބުގައި މެކްސިކޯގެ ކުޅުންތެރިން ތިއްބާ މެސީ ބޯޅަ ފޮނުވާލި މޮޅު ގޮތުން ކަމަށް ވެސް މާޓިނޯ ވަނީ ބުނެފަ އެވެ. މާޓިނޯ ފާހަގަ ކުރި ގޮތުގައި މެކްސިކޯ މެޗުގެ ފަހުން ދެން މެސީ އައީ މަޑުމަޑުން އެހެން ލެވެލަކަށް ބަދަލުވަމުންނެވެ. އެކަން އާޖެންޓީނާ އިން ފަހުން ކުޅުނު މެޗުތަކުން ފެންނާނެކަން ފާހަގަކޮށް މާޓިނޯ ބުނީ، 15 އަހަރު ކުރިއަށް ޖެހިލާއިރު އެކަން މާ ބޮޑަށް ފެންނަން އޮތް ކަމަށެވެ.
މެސީ ހޯދުމަށް މިއާމީ އިން ވަރަށް ބޮޑު މަސައްކަތެއް ކުރިކަމަށް މާޓިނޯ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ކުލަބުން ކުރި މަސައްކަތް ކާމިޔާބުވީ، މުސްތަޤުބަލާމެދު މެސީ ނިންމި މުހިންމު ނިންމުމުގެ ސަބަބުން ކަމަށެވެ. އޭނާ ބުނީ މެސީ މިއާމީ އަށް އައުމުން އެކަމުން ފައިދާ ވާނީ ހަމައެކަނި އެ ކުލަބަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ފްލޮރިޑާ، އެމެރިކާ އަދި މުޅި އެމެރިކާ ލީގަށް ފައިދާ ވާނެ ކަމަށް އޭނާ ބުންޏެވެ.
މިއާމީ އަށް މެސީ ބަދަލުވީ އޭނާ ހޯދުމުގެ މަސައްކަތް ކުރީގެ ކުލަބު، ސްޕެއިންގެ ބާސެލޯނާ އިން ވެސް ކުރަމުން އަންނަނިކޮށެވެ. ނަމަވެސް އެކަމުގައި ބާސެލޯނާ އަށް އެއްވެސް އަލި މަގެއް ނުފެނި، މެސީ މިއާމީ އަށް ބަދަލުވާން ނިންމީ އެވެ. މިއާމީ އަށް ބަދަލުވުމުގެ ކުރިން މެސީ ހުރީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގަ އެވެ.