ކ. މާލެ
|
20 ޖުލައި 2023 | ބުރާސްފަތި 14:27
ރާޅު ރާއްޖެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި އިވެންޓުގައި އިބޫ، ކުޑައައްޔަ އަދި އާމިން
ރާޅު ރާއްޖެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި އިވެންޓުގައި އިބޫ، ކުޑައައްޔަ އަދި އާމިން
އެމްބީބީއޭ
"ރާޅު ރާއްޖެ" ކެމްޕެއިނާއެކު ޤައުމީ ޓީމުތަކަށް އިތުރު ހިތްވަރެއް!
މި ކެމްޕެއިނަކީ ކުރިއަށް ހުރި މުބާރާތްތަކުގައި ވެސް ބޭނުންކުރާނެ ކެމްޕެއިނެއް

ޤައުމީ ބޮޑީބޯޑިން ޓީމުގެ އެތުލީޓުންނާއި، ސާފިން ޓީމުގެ އެތުލީޓުންނަށް ޚާއްސަކޮށްގެން' "ރާޅު ރާއްޖެ" ނަމުގައި ޚާއްސަ ކެމްޕެއިނެއް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ފަށައިފި އެވެ.

މި ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ހެންވެއިރު ބޯޅަ ގޭގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި އެމްބީބީއޭގެ ރައީސް ޢަބްދުﷲ އަރީފް (ފުކު)، ޖެނެރަލް ސެކެޓްރީ ހަސަން ރަޝީދު (ރަޝް)ގެ އިތުރުން ޤައުމީ ސާފިން ޓީމުގައި ހިމެނޭ ހުސެއިން އަރީފް (އިބޫ) އާއި ޤައުމީ ބޮޑީބޯޑިން ޓީމުގައި ހިމެނޭ އަލީ ޚުޝްރުވާން އަޙުމަދު (ކުޑައައްޔަ) އަދި އާމިން އުމަރު މޫސާ ވަނީ ބައިވެރިވެފަ އެވެ. ރާޅު ރާއްޖެ ކެމްޕެއިންގެ ދަށުން ފަރުމާކޮށްފައިވާ ދިވެހި ވަންތަ ޖާޒީ ރަސްމީކޮށް ލޯންޗުކޮށްދިނީ އިބޫ އާއި ކުޑައައްޔަ އެވެ.

މި އިވެންޓުގައި ވާހަކަ ދައްކަމުން އިބޫ ބުނީ، މި ހަރަކާތަކީ ޤައުމީ ޓީމުގެ އެތުލީޓުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. ޚާއްސަކޮށް މުބާރާތްތައް ކުރިއަށްދާއިރު، ސަޕޯޓަރުންގެ ތަރުހީބު ލިބުމަކީ ވެސް އެތުލީޓުންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން "ރާޅު ރާއްޖެ" ކެމްޕެއިނަކީ ވަރަށް ރަނގަޅު ކެމްޕެއިނެއް ކަމަށާއި، ޤައުމީ ޓީމުތަކަށް ސަޕޯޓުކޮށްދިނުމަށް ވީހާވެސް ގިނަ ފަރާތްތަކުން އައުމަކީ ވަރަށް ބޮޑު އެދުމެއް ކަމުގައި އިބޫ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކުޑައައްޔަ ވެސް ވަނީ ސަޕޯޓަރުންގެ ސަޕޯޓު ބޭނުންވާ ކަމަށް ބުނެފަ އެވެ. ޚާއްސަކޮށް މިދިޔަ އަހަރު އޮތް ވިޒިޓް މޯލްޑިވްސް ޕްރޯގައި ވެސް ވަރަށް ގިނަ ދިވެހިންގެ ސަޕޯޓު ލިބުނު ކަމަށާއި، އެއާ ޚިލާފަށް މިއަހަރު އޮންނަ މުބާރާތުގައި އެއަށްވުރެ ގިނަ މީހުންގެ ސަޕޯޓު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އައްޔަ ވަނީ ބުނެފަ އެވެ. މިއަހަރު ފެށުނީއްސުރެ އަންނަނީ މުބާރާތަށް ތައްޔާރުވަމުން ކަމަށާއި، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވަޒީފާ ވެސް ކުޑަކޮށް އެއް ފަރާތްކޮށްފައިވާ ކަމަށެވެ. މުބާރާތަށް ތައްޔާރުވުމަށް ހުކުރު ދުވަހުން ފެށިގެން އިތުރު ތަމްރީނުތައް ފަށާނެކަން ފާހަގަކޮށް އައްޔަ ބުނީ، އުންމީދަކީ މިއަހަރުގެ މުބާރާތުގައި ވެސް ރަނގަޅު ކާމިޔާބީތަކެއް ލިބުން ކަމަށެވެ.

ވަރަށް ބޮޑަށް ހަމަ ފިޓުކޮށް މި ހުރީ. ދެން ކުރީބައިގައި ވަޒީފާ ކުޑަކޮށް އެއް ކައިރި ކޮށްލާފައި މިއައީ، މި މުބާރާތަށް ހަމަ ފިޓުވުމުގެ ގޮތުން. އެއީ ދިހަ ދުވަސް ކުރިން މި އައީ. މާދަން ފެށިގެން ހަމަ އަޅުގަނޑު ޓްރެއިނިން ފަށާނަން މިކޮޅުގައި. ހީކުރަން މިފަހަރު ވެސް ރަނގަޅު ކާމިޔާބެއް ދިވެހިރާއްޖެ އަށް ލިބޭނެ ކަމަށް.
އަލީ ޚުޝްރުވާން އަޙުމަދު (ކުޑައައްޔަ)

މިދިޔަ އަހަރު އޮތް ވިޒިޓް މޯލްޑިވްސް ޕްރޯ ޖޫނިއާ ބައިގެ ފައިނަލްގައި ވާދަކުރި އާމިން ބުނީ، މިދިޔަ އަހަރާ ޚިލާފަށް މިއަހަރުގެ މުބާރާތަށް ދުރާލާ ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. ޚާއްސަކޮށް މިއަހަރުގެ މުބާރާތަށް ގިނަ ވަގުތު ދެވޭކަން ފާހަގަކޮށް އާމިން ބުނީ، ބޭނުންވަނީ މިއަހަރުގެ މުބާރާތުގައި ރަނގަޅު ޕާފޯމަންސް އެއް ދެއްކުމަށް ކަމަށެވެ. އެމްބީބީއޭ އިން އިސްނަގައިގެން މިކަހަލަ ޚާއްސަ ކެމްޕެއިނެއް ފެށޭތީ އެތުލީޓުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މުބާރާތް ހޯސްޓު ކުރާ ޤައުމަކަށް ކޮންމެ ކެޓަގަރީ އަކުން ވައިލްޑްކާޑެއް ލިބޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ އެތުލީޓުން މުބާރާތް ފަށާނީ ގަދަ 32 ވަނަ ބައިވެރިންގެ ބުރުންނެވެ. ވައިލްޑްކާޑު ލިބުނު އެތުލީޓުންނަކީ މެންސް އޯޕަން ބައިން ކުޑަ އައްޔަ، ޖޫނިއާ ބައިން އާމިން އަދި ޑްރޮޕްނީގެ ބައިން ކުޑަ އައްޔަ އެވެ. މީގެ އިތުރުން އެމްބީބީއޭ އިން ވަނީ ފްރީޕާސްގެ ގޮތުގައި ދިވެހި އަށް އެތުލީޓަކަށް ފުރުސަތު ދީފަ އެވެ. މުބާރާތުގައި މިހާތަނަށް ވަނީ ދުވެހި 14 އެތުލީޓުން ބައިވެރިވެފަ އެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ދާނީ އަންނަ އޯގަސްޓު މަހުގެ ތިން ވަނަ ދުވަހުން 12 ވަނަ ދުވަހަށެވެ.

"ރާޅު ރާއްޖެ" ކެމްޕެއިންގެ ދަށުން ފަރުމާކޮށްފައިވާ ޖާޒީ ހޯދުމަށް ބޭނުންވާ ފަރާތްތަަކަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު އެމްބީބީއޭ އިން ބުރާސްފަތި ދުވަހު ހުޅުވާލާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް