ކ. މާލެ
|
20 ޖުލައި 2023 | ބުރާސްފަތި 07:08
ލޯކަލް ކައުންސިލް އިންތިހާބު 2020
ލޯކަލް ކައުންސިލް އިންތިހާބު 2020
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު އޮބްޒަރވަރުން
ރިޔާސީ އިންތިޚާބު އޮބްޒަރވް ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި
ޖުލައި 19 ވާ ބުދަ ދުވަހުގެ 12:00 ން ފެށިގެން، 2023 އޮގަސްޓް 13 ވާ އާދިއްތަ ދުވަހުގެ 15:00 އާ ހަމަޔަށް ވަނީ ފުރުސަތު ހުޅުވާލާފައި

ސެޕްޓެމްބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބުގައި ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނީ ޖުލައި 19 ވާ ބުދަ ދުވަހުގެ 12:00 ން ފެށިގެން،2023 އޮގަސްޓް 13 ވާ އާދިއްތަ ދުވަހުގެ 15:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލާކަމަށެވެ.

އޮބްޒަރވް ކުރުމަށް އެދި ހުށަހެޅޭނީ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސަކަށެވެ. ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި އެމީހަކު ވެގެންނުވާއިރު ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ވެގެންނުވާނެއެވެ.

އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުމާއި އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވެފައިވާ މީހަކު ކަމުގައި އެމީހަކު ވާންޖެހޭނެއެވެ.

ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންޚާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިވެސް އެމީހަކު ވެގެންނުވާނެއެވެ.

އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އިޤުރާރުގައި ސޮއި ކުރަން ވާނެއެވެ. އެޕްލިކޭޝަން ފޯމުގައިވާ ސޮޔާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ސޮއި ތަފާތު ނަމަ، އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމާޢަތްތަކަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމްޢިއްޔާއަކަށް، އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10% (ދިހައެއް އިންސައްތަ) އިތުރުނުވާ ގޮތަށެވެ.

އިންތިޚާބެއްގައި ވޯޓު ނަގާ ދުވަހު، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް ހުށަހަޅާ މީހަކީ، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގައި ހުރުން ލާޒިމްކުރާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވިޔަސް، އެ މީހަކީ އޭނާގެ މައްޗަށް އިންތިޚާބީ ކުށެއް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއްނަމަ، ނުވަތަ އިންތިޚާބުގައި ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ސާބިތުވެފައިވާ މީހެއްނަމަ، އެ މީހަކަށް އިންތިޚާބުގައި އޮބްޒާވަރެއްގެ ގޮތުގައި، ނުވަތަ މޮނިޓަރެއްގެ ގޮތުގައި، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިޚްތިޔާރު، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.

އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. އަދި އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގޭ) ގެ ރިސެޕްޝަނުން ފޯމް ބަލައިގަތުމެގެ އިންތިޒާމް ޖުލައި 19 އިން އޮގަސްޓް 13 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ހަމަޖެހިފައި ހުންނާނެއެވެ.

- ކޮމެންޓް