50 އަހަރުން އިހަވަންދޫ އަށް ނުލިބޭ ތަރައްޤީ ރައީސް ވަނީ 5 އަހަރުން ގެނެސްދެއްވާފައި ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ޝިފާއު މިފަދައިން ވިދާޅުވީ ބުދަ ދުވަހުގެ ރޭ އިހަވަންދޫގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ އިހަވަންދޫގައި މީހުން ދިރިއުޅޭތާ އެތައް ސަތޭކަ އަހަރެއް ވެފައިވާއިރު އެ ރަށުގެ ޗާޓް އޮތީ އޮތް ގޮތަށް ކަމަށެވެ. ނަމަވެސް އިހަވަންދޫގެ ބިން ހިއްކާ އެ ރަށުގެ ޗާޓު ބަދަލުކޮށްދެއްވި ބޭފުޅަކީ ރައީސް ޞާލިހު ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ. އެކަމަށްޓަކާ އަބަދުވެސް އެ ރަށުން ރައީސްގެ ހަނދާން އާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިހަަވަންދޫ އަކީ އަބަދުވެސް އެމްޑީޕީ އަށް ގިނަ ބަޔަކު ތާއީދުކުރާ ރަށެއް ކަމަށާއި ރިޔާސީ އިންތިޚާބުގައި އެ ރަށުން ފުރިހަމަ ކާމިޔާބެއް ލިބޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަތޮޅުތެރޭގެ ރައްޔިތުން އެދޭ ކަންކަންކޮށްދީ ރައްޔިތުންނަށް އުންމީދެއް ގެނެސްދެއްވީ ރައީސް ޞާލިހު ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް އިންތިޚާބުގައި އެ ރަށުން ރައީސް އަށް ރަނގަޅު ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން ރައީސުން އެ ރަށަށް ވަޑައިގެންނެވި ނަމަވެސް އެ ބޭފުޅުން ވަޑައިގަންނަވަނީ ދެ ފަސް ބެދޭ ހިސާބަށް ކަމަށާއި އެ އަށް ވުރެ އެތެރެއަށް ވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައީސް އަށް އިހަވަންދޫ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ،