Advertisement
ކ. މާލެ
|
18 ޖުލައި 2023 | އަންގާރަ 19:59
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
ރައީސް އޮފީސް
ހިޖުރީ އައު އަހަރު
ހިޖުރައިގެ މަތިވެރި ޙާދިޘާއިން ލިބިދޭ ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި
ކުރިމަގުގެ ޖީލުތަކަށް މި ޤައުމު ފޯރުކޮށްދިނުމަށް މިޞްރާބު ހިފުމަށް އެންމެހައި ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި
ކޮންމެ ކަމެއްގައި ވެސް ޤައުމީ މަޞްލަޙަތު އިސްކުރުމަށް އިލްތިމާސްކުރެއްވި

ހިޖުރައިގެ މަތިވެރި ޙާދިޘާއިން ލިބިދޭ ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކުރުމަށް، ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ ހިޖުރީ އައު އަހަރު 1445 ފެށުމުގެ މުނާސަބާގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ފައްޓަވަމުން އެމަނިކުފާނު ވަނީ ހިޖުރީ އައު އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީ އުންމަތުގެ އަޚުންނާއި އުޚުތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށް ފޮނުއްވާފައެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ހިޖުރައިގެ މަތިވެރި ޙާދިޘާއާ ގުޅިފައިވާ އެންމެ މުހިންމު އެއް މަޤްޞަދަކީ، މައްކާގެ ބިމުގައި ނާމާންކަމާއި ހިތްދަތިކަމުގައި އުޅެމުން ދިޔަ މުސްލިމުންނަށް، މަދީނާގެ ބިމުން އުފާވެރިކަމާއި އަމާންކަން ހޯއްދަވައިދެއްވުންކަން ފާހަގަކުރެއްވިއެވެ. އަދި މަދީނާގެ ބިމުގައި އިސްލާމީ އުންމަތް ކުރިލައި ހެދިގަތީ، ހިޖުރައަށްފަހު މުސްލިމުންނަށް ލިބުނު އަމާންކަމާއި ހިތްހަމަޖެހުމުންކަން ފާހަގަކުރައްވައި، ހިޖުރީ އައު އަހަރެއް ފެށޭ މި މުނާސަބާ ފާހަގަކުރާއިރު އެ މަތިވެރި ޙާދިޘާއިން ލިބިދޭ ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކުރުމަށް، އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ދިވެހިންގެ މެދުގައި އޮތް ހަމަޖެހުމާއި ޞުލްޙަވެރިކަމުގެ މަތީގައި ޤައުމު ބިނާކުރުމަށާއި އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން ކުރިއަރާފައިވާ ތަހުޒީބީ ޤައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކަށް މި ޤައުމު ފޯރުކޮށްދިނުމަށް މިޞްރާބު ހިފުމަށްވެސް އެންމެހައި ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެ ކަމެއްގައިވެސް ޤައުމީ މަޞްލަޙަތު އިސްކުރުމަށް، އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވައިލައްވާފައި ވަނީ މިފެށުނު ހިޖުރީ 1445 ވަނަ އަހަރަކީ، ދިވެހިންނަށާއި ދިވެހިރާއްޖެއަށް އަދި މުޅި އިސްލާމީ އުންމަތަށް، ބާއްޖަވެރިކަމާއި ތަނަވަސްކަން ގެނެސްދޭނެ އުފާވެރި އަހަރެއް ކަމުގައި ލެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް