ކ. މާލެ
|
18 ޖުލައި 2023 | އަންގާރަ 09:35
ބްރެޒިލްގެ ކުރީގެ ކެޕްޓަން މާޓާ
ބްރެޒިލްގެ ކުރީގެ ކެޕްޓަން މާޓާ
ގޫގުލް
އަންހެނުންގެ ވޯލްޑްކަޕް
އަންހެނުންގެ ވޯލްޑްކަޕްގެ ގަދަ ތަރިން: ބްރެޒިލްގެ ރާނީ މާޓާ
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވަނީ ހަ ފަހަރު ހޯދާފައި

ބްރެޒިލްގެ މާޓާ އަކީ އަންހެން ފުޓްބޯޅައިން ފެނިފައިނުވާ ވަރުގެ މޮޅު ކުޅުންތެރިއެކެވެ. އޭނާ އަކީ އަންހެން އަދި ފިރިހެން ވޯލްޑްކަޕުގައި ވެސް އެއް ކުޅުންތެރިއަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އެއީ 17 ގޯލާއެކުގަ އެވެ. ވޯލްޑްކަޕުގައި ކުޅެފައިވަނީ 20 މެޗެވެ.

ހަ ވަނަ ފަހަރަށް އުމުރުން 37 އަހަރުގައި އޭނާ ވޯލްޑްކަޕާ ކުރިމަތިލަނީ ތަށި ހޯދުމަށް ޓީމަށް އޭނާގެ މުހިންމުކަން ބޮޑުކަމުންނެވެ. އެކަމަކު މިދިޔަ އަހަރެއްހާ ދުވަހު އޭނާ ގިނައިން އުޅުނީ އަނިޔާގަ އެވެ. ގިނަ މެޗުތަކެއް ވެސް ގެއްލުނެވެ. އެކަމަކު ބްރެޒިލަށް އެންމެ ގިނަ ގޯލު ޖަހައިދިން ފޯވަޑް ޓީމަށް ނެގީ އޭނާ ތަޖުރިބާގެ ބޭނުން ވެސް ބްރެޒިލަށް މުހިންމުވުމުންނެވެ. އޭނާ ވަނީ 175 މެޗުން ގައުމީ ޓީމަށް 115 ގޯލު ޖަހައިދީފަ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އެންމެ ގިނައިން ހޯދީ އޭނާ އެވެ. އެއީ ހަ ފަހަރު އެވެ. މީގެ ތެރެއިން ފުރަތަމަ ފަސް ފަހަރު ހޯދީ ވިދިވިގެންނެވެ. އެންމެ ފަހުން މި އިނާމް ހޯދީ 2018ގަ އެވެ. މިހެންވެ ބްރެޒިލްގައި އޭނާ އަށް މުހާތަބްކުރަނީ ރާނީގެ ނަމުންނެވެ.

ބްރެޒިލްގެ މާޓާ ގޯލް ޖަހާފައި އުފާފާޅު ކުރަނީ: ގޫގުލް
"މާޓާ އަކީ ރާނީ. އޭނާ އަކީ ރޯލް މޮޑެލްއެއް. އޭނާއާއެކުގައި ހުރެވުމަކީ ވެސް ކޮންމެ ކުޅުންތެރިއަކަށް ލިބޭނެ ޝަރަފެއް،"
ބްރެޒިލްގެ ކޯޗު ޕިއާ ސުންދަގޭ ބުންޏެވެ.

މާޓާ އަކީ ބްރެޒިލްގެ ކުރީގެ ކޯޗު މާރިއޯ ޒަގަލޯ ދެކޭ ގޮތުގައި އެ ގައުމުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިން ކަމަށްވާ ރޮމާރިއޯ އާއި ރޮނާލްޑީނިއޯ އަދި ރޮނާލްޑޯ ފަދަ ކުޅުންތެރިއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް