Advertisement
ކ. މާލެ
|
17 ޖުލައި 2023 | ހޯމަ 11:28
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
އެމްޑީޕީ
އުފާވެރި އަމާންރާއްޖެ ކެމްޕޭން
ރަކީދޫއަށް ގެންނަ ތަރައްގީއާއެކު އުއްމީދަކީ ރަށުގެ އާބާދީ އިތުރުވެގެން ދިއުން - ރައީސް
ސެޓެލައިޓް ސްކޫލުގެ ބޭނުން ވަރަށް އަވަހަށް ފެށޭނެ
ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވިގެންދާނެ

ވ. ރަކީދޫއަށް އަންނަ ތަރައްގީއާއި ހިދުމަތްތަކާއެކު ރަށުގެ އާބާދީ އިތުރުވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރުުއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ރަކީދޫގައި ބޭއްވެވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުއްދަވަމުން، ރައީސް ޞާލިހު ވިދާޅުވީ ރަކީދޫގައިވެސް އުޅެނީ ދިވެހިރައްޔިތުން ކަމަށެވެ. ސަރުކާރުގެ ކުރިމަތީގެ ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ރައްޔިތެއް ކަމަށާއި، އެކަން އޮންނަން ޖެހޭނީ އެގޮތަށް ކަމަށެވެ. ހިދުމަތް ފޯރުކޮށްދޭންޖެހޭނީ ހަމަހަމަ ކަމާއެކު ތަފާތުކުރުމެއް ނެތި ކަމަށާއި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނެވީ އެއީ ހައްލުކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރައްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ ވަކިރަށެގައި އުޅޭތީ ފޯރުކޮށްދޭންޖެހޭ ހިދުމަތުން މަހުރޫމުވެފައި އެތައް ރައްޔިތަކު އެބަތިބި ކަމަށެވެ. ރަކީދޫ އޮތީ ކުރީ ސަރުކާރުތަކުން ދޫކޮށްލާފައި ނަމަވެސް، ޖަޒީރާ ރާއްޖޭގެ ތަސައްވަރުގައި އެމީހަކު ދިރިއުޅޭ ރަށަކުން ހިދުމަތް ލިބޭނެ ގޮތަށް ރާއްޖެ ތަރައްގީކުރަމުން ގެންދަވާ ކަމަށެވެ.

ރާއްޖޭގައި ހިންގާ މަޝްރޫއު ކުރިއަށް މި ގެންދަނީ އެގޮތުގެ މަތިން. އާބާދީގައި 369 މީހުން ތިބި ނަމަވސް ރަށުގައި ދިރިއުޅެނީ 63 މީހުން. ސަބަބަކަށްވީ މެދުމިދުގެ މި އާބާދީގައި ރަށުގައި ނޫޅެ ރަށް ދޫކޮށްދާންޖެހުން. ލިބެންޖެހޭ އެންމެ ކުޑަމިނުން ތައުލީމާއި ސިއްހީ ހިދުމަތް އަދި ރަށަށް އަރާ ފޭބުމުގެ އުނދަގޫ. ބަނދަރު މިހާރުވަނީ އެކަށީގެންވާ ގޮތަށް ހަދާ ދީފައި. ހޭޅިފަށް ހިމާޔަތްކުރުމަށް މަސައްކަތް ކުރެވިއްޖެ. އަދިވެސް ބަލާ ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ ރަކީދޫ ބަނދަރަށް ގެންނަންޖެހޭ ބަދަލުތައް ބައްލަވައި އެކަން ހައްލުކޮށްދެއްވާނެ ކަމަށެވެ. ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ޖަހާފައިވާ ތޮއްޓާއެކު ރަށަށް އަންނަ ބަދަލު ދިރާސާކޮށް އެކަން ބައްލަވާ ބަދަލުތަކެއް ގެންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރަކީދޫއަކީ ލޯކަލް ޓުއަރިޒަމަށް ފައްކާ ރަށެއް ކަމަށާއި ބޭނުންފުޅުވަނީ އެކަމަށް ދޭންޖެހޭ ހިދުމަތް ފަސޭހައިން ދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފެނާ ނަރުދަމާއަކީ މުހިންމު އެއްޗެއް ކަމަށާއި، 141 ރަށުގެ ތެރޭގައި ރަކީދޫ ހިމެނި އެ މަސައްކަތް ދަނީ ބާރަށް ކަމަށާއި މި ދައުރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާގެ ހިދުމަތް ލިބެން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގެ އާބާދީ ހިފެހެއްޓުމަށްޓަކައި ދޭންޖެހޭނީ ތައުލީމްކަމަށެވެ. ސްކޫލް ނިމި ހުޅުވުމާ ހަމައަށް ގޮސްފައިވާ ކަމަށާއި ޓީޗަރުން ހޯދުމަށް އިއުލާން ކުރެވިގެން ރަށުން ބަޔަކު ކުރިމަތިނުލުމުން މިހާރު ދަނީ ސްކޫލަށް ބޭނުންވާ ޓީޗަރުން ރަށުން ބޭރުން ހޯދައި މުވައްޒަފުން ހޯދައި ސެޓްލައިޓް ސްކޫލުގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންކަމަށް ރައީސް ވިދާޅުވިއެވެ. މި ގެނެވޭ ބަދަލާއެކު އާބާދީ އިތުރުވެ ރަށަށް އުފަން މީހުން އެނބުރި އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް