ހުޅުމާލޭގައި ހުންނަ އެންސިސް ކުންފުނީގެ ބިމެއްގައި ކެނެބިސް ގެންގުޅެ، އެއިން ވިޔަފާރިކުރި މީހުންގެ މައްސަލައިގައި އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ގދ ވާދޫ އަސްރަފީގޭ މުޙައްމަދު ޝަރީފާއި، ގއ ކޮލަމާފުށީ ކަރަންކާވިލާ އަފްސަލް ރަޝީދުގެ މައްޗަށެވެ. ރާއްޖެ އަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އެމީހުން ހައްޔަރުކުރީ ޖޫން 2020 ގައެވެ.
އެމީހުންގެ މައްޗަށް ދައުލަތުން ވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. ދައުލަތުން ބުނާ ގޮތުގައި އަފްސަލްއަކީ ކެނަބިސް ޓްރެފިކް ކުރުމުގައި ބައިވެރިވި މީހެކެވެ.
އަފްސަލް ރަޝީދަކީ އޭރު އެންސިސްގައި މަސައްކަތް ކުރަމުން އައި މުވައްޒަފެކެވެ.
އަދި ޝަރީފަކީ މީގެ ކުރިން ވެސް އެންސިސް ގުދަނެއްގެ ތެރޭގައި މަސްތުވާތަކެތި ބަހައްޓައިގެން އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުގެ ދައުވާ އުފުލައި، ދައުވާ ސާބިތުނުވި މީހެކެވެ. އޭނާ އެ މައްސަލައިގައި ވަޒީފާއިން ވަކިކުރިއެވެ. ކްރިމިނަލް ކޯޓުން އޭރު އޭނާގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ކަނޑައަޅާފައި ވަނީ އެކަށީގެންވާ ވަރަށް ހެކި ލިބިފައިނުވާ ކަމަށް ބުނެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.
ހޮނިހިރު ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ.
ފުރަތަމަ ދައުލަތުން ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ.
އެ ދެމީހުންވެސް ދައުވާއަށް އިންކާރު ކޮށްފައިވާތީ ދައުލަތުން ވަނީ މައްސަލަ ސާބިތު ކުރުމަށް ހެކި ހުށަހަޅާފައެވެ.
މި މައްސަލައިގައި 6.8 ކިލޯގެ ކެނަބިސް ފެނިފައިވެއެވެ.
މި މައްސަލައިގައި މުހައްމަދު ޝަރީފް ކެނެބިސް ޓްރެފިކް ކުރަނީ އަފްސަލް ރަޝީދުގެ ބައިވެރިވުމާއެކުކަން ދައުލަތުން ޚުލާސާ ބަޔާނުގައި ބުނެފައިވެއެވެ.
މުހައްމަދު ޝަރީފްގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެއްޗަށް އޭނާގެ އަސްލީ ހިޔާޒަތު ނެތްކަން މި މައްސަލައިގައި ސާފު ކަމަށެވެ.
އަފްސަލްގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ދައުވާލިބޭ ޝަރީފް އެތަނަށް ވަދެ އުޅެނީ އަފްސަލްގެ އެހީތެރިކަމާއެކުކަން ދައުލަތުން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށެވެ. މިއީ މަދަނީ މިންގަނޑުން ކިރާލި ނަމަވެސް، ސާބިތު ނުކުރެވޭނެ މައްސަލައެއްކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ، މި މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުން ކަމަށެވެ.