އަންނަ އޮކްޓޫބަރު މަހު އިންޑިޔާގައި ފަށާ ދުނިޔޭގެ ތައްޓަށް ކުޅޭ ކްރިކެޓް މުބާރާތުގައި ވާދަކުރަން ދިއުމާމެދު ގޮތެއް ނިންމުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު 11 ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލައްވައިފި އެވެ.
ސިޔާސީ ގޮތުން މައްސަލަ ބޮޑު ދެ ގައުމުގެ ތެރެއިން ޕާކިސްތާނުން ބޭނުންވަނީ އޮގަސްޓް 31ގައި އެ ގައުމުގައި ފަށާ އޭޝިޔާ ކަޕުގައި ކުޅެން އިންޑިޔާ އަންނަން ދެކޮޅުހަދާނަމަ ޕާކިސްތާން ޓީމު އިންޑިޔާ އަށް ނުފޮނުވުމަށެވެ. އަދި ވޯލްޑްކަޕާމެދު ވަކިގޮތެއް ނިންމުމުގެ ކުރިން އޭޝިޔާ ކަޕަށް އަންނާނެ ކަމުގެ ޔަގީންކަން ލިޔުމުން ދިނުމަށް ވެސް ޕާކިސްތާނުން ބޭނުންވެ އެވެ.
މި މައްސަލައިގައި ގޮތެއް ނިންމުމަށް ޕާކިސްތާނުން އެކުލަވާލި ވަޒީރުންގެ ކޮމިޓީގެ އިސް ވަޒީރަކީ އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ އާއި ކުރީގެ ރައީސް އާސިފް އަލީ ޒަރްދާރީގެ ދަރިކަލުން ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރްދާރީ އެވެ.
އޭނާގެ ބެއްލެވުމުގެ ދަށުން ހިންގާ ކޮމިޓީގެ ރިޕޯޓް ހުށަހަޅާނީ ޕާކިސްތާނުގެ ކްރިކެޓް ލެޖެންޑް އިމްރާނުގެ ސަރުކާރު އުވާލައި ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވި ޝާހުބާޒް ޝަރީފަށެވެ. އެމަނިކުފާނަކީ ޕާކިސްތާނުގެ ކްރިކެޓްގެ އެންމެ އިސް ފަރާތެވެ. ކްރިކެޓްގެ ބޮޑު ބާރެއްގެ ގޮތުގައި އޮތް، 1992 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަނުން ވޯލްޑްކަޕުގައި ކުޅެން އިންޑިޔާއަށް ދިއުމާމެދު ގޮތެއް ނިންމާނީ މިނިސްޓަރުންގެ ރިޕޯޓަށް ބިނާކޮށެވެ.
އިންޑިޔާއިން ދަނީ އޭޝިޔާ ކަޕަށް ޕާކިސްތާނަށް ދިއުމަށް ދެކޮޅު ހަދަމުންނެވެ. އެ ގައުމުން ބުނަނީ ޕާކިސްތާނުގައި ކުޅޭ މެޗުތައް ސްރީލަންކާ ނުވަތަ އެހެން ގައުމަކަށް ބަދަލުކޮށްދޭނަމަ އޭޝިޔާ ކަޕުގައި ކުޅޭނެ ކަމަށެވެ. މިކަމާ ގުޅިގެން ޕާކިސްތާނުން ބުނަނީ ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ވައްދަނީ އިންޑިޔާއިން ކަމަށެވެ.
އިންޑިޔާގައި މިމަހު ނިމުނު ސާކް ސަރަހައްދުގެ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޕާކިސްތާނުގެ ގައުމީ ޓީމަށް ވިސާ ލިބުނީ ވެސް ފަހު ވަގުތު އެވެ. އަދި އިންޑިޔާ އަށް ދާން ބޭނުންވާ ވިސާގެ ކަންކަން ފަހުވަގު ހަމަޖެހުމުން މުބާރާތުގައި ޕާކިސްތާން ކުޅުނު ފުރަތަމަ މެޗަށް ނުކުންނަން ޖެހުނީ މެޗު ފަށަން ހައެއްކަ ގަޑިއިރަށްވެފައިވަނިކޮށް އެގައުމަށްގޮހެވެ.