ކ. މާލެ
|
21 ޖޫން 2023 | ބުދަ 10:21
ޕާކިސްތާންގެ ކުޅުންތެރިން ފުރަން އެއާޕޯޓްގައި: މިރޭގެ މެޗު ކުޅެން ޖެހޭނެ
ޕާކިސްތާންގެ ކުޅުންތެރިން ފުރަން އެއާޕޯޓްގައި: މިރޭގެ މެޗު ކުޅެން ޖެހޭނެ
ޕާކިސްތާން ޓުޑޭ
ސާފް ޗެމްޕިއަންޝިޕް
ޕާކިސްތާނުން އެދުނު ގޮތަށް މިރޭގެ މެޗު ފަސްކޮށް ނުދިން
މެޗު ފަސްކޮށްފިނަމަ މުޅި މުބާރާތަށް އަސަރުކުރާނެ: ސާފް

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޕާކިސްތާނާއި އިންޑިޔާ މިރޭ ކުޅެން އޮތް މެޗު ފަސްކޮށްދޭން ޕާކިސްތާނުން އެދުނު ނަމަވެސް އެކަން ވާން ނެތް ކަމަށް ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން (ސާފް) އިން އަންގައިފި އެވެ.

ޕާކިސްތާނުގެ ހުށަހެޅުމާމެދު މަޝްވަރާކުރުމަށް ފަހު ސާފުން އެ ގައުމަށް އަންގާފައިވަނީ މުބާރާތުގައި ވާދަކުރާ ޓީމުތަކާއި ސްޕޮންސަރުން ވެސް މެޗު ފަސް ކުރަން ބޭނުން ނުވާ ކަމަށެވެ.

"އަހަރުމެން މިތިބީ ޕާކިސްތާނުގެ ވިސާގެ މައްސަލަ ވަރަށް ރަނގަޅަށް ދިރާސާކޮށްގެން. އެކަމަކު މިއީ ވަރަށް ގިނަ ބަޔަކު ބައިވެރިވާ މުބާރާތަކަށް ހާއްސަކޮށް ބްރޯޑްކާސްޓަރުން ވެސް ހިމެނޭ ކަމަކަށްވާތީވެ އަހަރުމެން މިތީ މެޗު ރީޝެޑިއުލްކޮށްދޭ ގޮތަކަށްނޫން. އެކަން ކޮށްފިނަމަ މުޅި މުބާރާތަށް އަސަރުކުރާނެ،"
ސާފުން ޕާކިސްތާނަށް ފޮނުވި ކަމަށް ބުނެ ޕާކިސްތާނުން އާއްމުކޮށްފައިވާ ބަޔާނުގައިވެ އެވެ.

ޕާކިސްތާނުން މެޗު ފަސްކޮށްދޭން އެދުނީ އިންޑިޔާ އަށްދާން ބޭނުންވާ ވިސާ ހަމަނުޖެހި މެޗު ފަށަންވާއިރަށް ވެސް ޓީމަށް އިންޑިޔާގެ ބެންގަލޫރަށް ނުދެވިދާނެ ކަމުގެ ބިރު ހީވުމުންނެވެ. ނުވަތަ ދެ ގަޑިއެއްގައި ފުރާ ދެ ފްލައިޓަކުން ޕާކިސްތާނުގެ ޓީމަށް އިންޑިޔާގެ މުމްބާއީ މަގުން ބެންގަލޫރަށް ދެވޭއިރު މެޗަށް އެކަށީގެންވާ ވަގުތު ނުލިބޭނެތީ އެވެ.

އެންމެ ފަހު ވަގުތު ވިސާ ހަމަޖެހުމުން މޮރިޝަސްގައި ތިބި ޕާކިސްތާން ޓީމު މުމްބާއީއަށް ދިއުމަށް ފުރީ ރޭ ފަތިހު އެވެ. އެމީހުންނަށް މުމްބާއީ އަށް ފޯރާނީ މިއަދު ހެނދުނު 8 ޖަހާއިރު އެވެ. އަދި މުމްބާއީން ފުރައިގެން ބެންގަލޫރަށް ދެވޭނީ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އިންޑިޔާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗު އޮތީ މިރޭ 7:30ގަ އެވެ.

ޕާކިސްތާން އާއި އިންޑިޔާ 2014 ވަނަ އަހަރު ކުޅުނު މެޗުގެ ތެރެއިން - ޕާކިސްތާން ޓުޑޭ

ވިސާ މައްސަލަ ޖެހި ޕާކިސްތާނަށް މުބާރާތަށް ނުދެވިދާނެ ކަމުގެ ބިރު ހީވެފައި އޮއްވައި ސާފުގެ ސެކްރެޓަރީ ޖެނެރަލް އަންވަރުލް ހައްގު ހިލާލް ކުރިން ވެސް ބުނަމުން އައީ އެއްވެސް މެޗެއް ފަސް ނުކުރެވޭނެ ކަމަށާއި ވަގުތަށް ނައިސްފިނަމަ ޕާކިސްތާނުގެ ވިސާ ކެންސަލް ކުރާނެ ކަމަށެވެ.

ވިސާ ހަމަނުޖެހުމުގެ މައްސަލައިގައި ޕާކިސްތާނުން ކުށްވެރި ކުރަނީ އިންޑިޔާ އެވެ. ނަމަވެސް އިންޑިޔާއިން ބުނަނީ ވިސާ ލަސްވީ ޕާކިސްތާނުގެ ގައުމީ ޓީމު އިންޑިޔާއަށް ދިއުމަށް އިސްލާމް އާބާދުން ދޭން ޖެހޭ ހުއްދަތައް ނުދީ އޮތުމުން ކަމަށެވެ. އަދި ވިސާގެ މައްސަލަ މާބޮޑަށް ލަސްވީ ހަފުތާ ބަންދާ ދިމާވުމުން މޮރިޝަސްގައި ހުންނަ އިންޑިޔާގެ އެމްބަސީ ބަންދުކޮށްފައި ހުރުމުން ކަމަށެވެ.

ޕާކިސްތާނާއި އިންޑިޔާ އަކީ ސިޔާސީ ކޯޅުން ބޮޑު ދެ ގައުމެވެ. މި ދެގައުމުގެ މީހުންނަށް އެއްބަޔަކު އަނެއް ބަޔަކަށް ޒިޔާރަތްކުރުން އެއީ ދަތިކަމެކެވެ.

ސާފް ޗެމްޕިއަންޝިޕުގައި މި ފަހަރު ޕާކިސްތާނާއި އިންޑިޔާއާއެކު އަށް ގައުމެއް ވާދަކުރާނެ އެވެ. އެއީ ގްރޫޕް އޭގައި ދެން ހިމެނޭ ކުވޭތާއި ނޭޕާލެވެ. ގްރޫޕް ބީގައި ހިމެނެނީ ލެބަނަން އާއި ދިވެހިރާއްޖެ އަދި ބަނގްލަދޭޝް އާއި ބޫޓާނެވެ. މި ފަހަރުގެ މުބާރާތަކީ ސާކު ގައުމުތަކުން ބޭރުން މުބާރާތުގައި ގައުމުތައް ބައިވެރިކުރާ ފުރަތަމަ މުބާރާތެވެ.

- ކޮމެންޓް