ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ 26 ވަނަ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި މިސްކިތްމަގު އެންމެންގެ ގުޅުން، ފްރެންޑްސް ކްލަބް ފުނާޑު އަދި ފޭދޫ ޔޫތް ކޮމިއުނިޓީ ކުޅުނު މެޗުތަކުން އެޓީމުތައް މޮޅުވެއްޖެ އެވެ.
ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުން މިސްކިތްމަގު މޮޅުވީ ޕޮލިސް ކްލަބާ ވާދަކޮށްގެން ތިން ސެޓް އެއް ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓް 25-19 އިން ޕޮލިސް ކާމިޔާބުކުރި އިރު، ފަހު ތިން ސެޓް ކާމިޔާބުކުރީ މިސްކިތްމަގުންނެވެ. މިސްކިތްމަގުން ސެޓްތައް ގެންދިޔައީ 25-13، 25-22 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މިސްކިތްމަގުގެ އާމިނަތު އަރީޝާ އެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުން ފޭދޫ މޮޅުވީ ވިލިނގިލި ޒުވާނުންގެ ޖަމިއްޔާއާ ވާދަކޮށްގެން ފޯރިގަދަ ކުޅުމަކަށްފަހު ތިން ސެޓް ދެ ސެޓުންނެވެ.
މެޗުގެ ފުރަތަމަ ދެ ސެޓް ފޭދޫ އިން ކާމިޔާބުކުރީ 25-20 އަދި 25-22 އިންނެވެ. އެހެންނަމަވެސް ވިލިނގިލިން ވަނީ ފަހަތުން އަރާ ދެ ސެޓް ކާމިޔާބުކޮށް އެއްވަރުކޮށްފައެވެ.
ވިލިނގިލިން ސެޓްތައް ގެންދިޔައީ 25-22 އަދި 25-20 އިންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ހަތަރުވަނަ ސެޓް ފޭދޫ ކާމިޔާބުކުރީ 15-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސޮފާ ނާޒް އެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުން ފްރެންޑްސް ކްލަބް ފުނާޑް މޮޅުވީ ދަ ފޭދޫ ސްޕޯޓްސްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ފުނާޑުން ގެންދިޔައީ 25-17، 27-25 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އާމިނަތު ޝައްފައެވެ.
ހޮނިހިރު ދުވަހުވެސް މުބާރާތުގައި ތިން މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ދަ ފޭދޫ ސްޕޯޓްސް ނިކުންނާނީ ފޭދޫ ޔޫތް ކޮމިއުނިޓީއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުމުން ވިލިނގިލި ޒުވާނުންގެ ޖަމިއްޔާއާ ދެކޮޅަށް ނިކުންނައިރު، ތިންވަނަ މެޗުގައި ފްރެންޑްސް ކްލަބް ފުނާޑް ނިކުންނާނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ.