މާލޭ ލީގުގައި ކްލަބް ވެލެންސިއާ ބަލިކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބުން ގަދަ ހަތަރެއްގެ އުއްމީދު އާކޮށްފި އެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ވެލެންސިއާ ވާދަކޮށް ވިކްޓްރީ މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ވިކްޓްރީއެވެ. އެގޮތުން އެޓީމުން ވަނީ ވެލެންސިއާގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.
ވިކްޓްރީން މެޗުގެ ލީޑު ނެގީ ހަ ވަނަ މިނެޓުގައެވެ. މި ލަނޑު ހަސަން އަދުހަމް (ސަޑޭ) ނަގައިދިން ހުރަހަކުން ކާމިޔާބުކުރީ މުސްތަފާ ސެޑިކް އެވެ. މި ލަނޑަށްފަހުވެސް ވިކްޓްރީން ދިޔައީ ވެލެންސިއާގެ ގޯލަށް ނުރައްކާކުރަމުންނެވެ.
އެގޮތުން އަދުހަމް އަދި ކެރިޗް އަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ. ވިކްޓްރީން މެޗުގެ ލީޑު ފުޅާކުރީ 35 ވަނަ މިނެޓުގައި ކެރިޗް އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ސެޑިކްގެ އެހީތެރިކަމާއެކުގައެވެ.
ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ވެލެންސިއާގެ މައްޗަށް ވިކްޓްރީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެންވެސް ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ވިކްޓްރީ އެވެ. އެގޮތުން އެޓީމުން ދިޔައީ ފުލުފުލުގައި ވެލެންސިއާގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތު ހޯދަމުންނެވެ.
އެގޮތުން 57 ވަނަ މިނެޓުގައި ކެރިޗް ފޮނުވާލި ނުރައްކާތެރި ހަމަލާ އަދި އޭގެ މިނެޓެއް ފަހުން އަދުހަމް ފޮނުވާލި ނުރައްކާތެރި ހަމަލާ ހިމެނެއެވެ. އެހެންނަމަވެސް މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައްވެސް ވެލެންސިއާ ކީޕަރު ފައިސަލް ވަނީ ދިފާއުކޮށްފައެވެ.
މި ނަތީޖާއާއެކު ވިކްޓްރީ އޮތީ ކުޅުނު 13 މެޗުން ލިބުނު 22 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސް ވަނައިގައެވެ. މެޗުން ބަލިވި ވެލެންސިއާ އޮތީ ކުޅުނު 13 މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގަ އެވެ.
ވިކްޓްރީ އަށް އަދިވެސް ގަދަ ހަތަރެއްގެ ފުރުސަތު އެބައޮތެވެ. ވިކްޓްރީއަށް ގަދަ ހަތަރެއްގެ ޖާގައެއް ލިބޭނީ ޓީސީއާ ދެކޮޅަށް ކުޅޭ މެޗުން އެޓީމު މޮޅުވެ، އީގަލްސް އަދި ގްރީން ސްޓްރީޓް ބައްދަލުކުރާ މެޗުން އީގަލްސް ބަލިވެގެންނެވެ.