Advertisement
ކ. މާލެ
|
13 ޖުލައި 2023 | ބުރާސްފަތި 17:25
އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް
އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް
ރާއްޖެއެމްވީ
ޕީޕީއެމްއަށް ފާޑުކިޔުން
ޕީޕީއެމްއަކީ ކަރަންޓީން ކުރަންޖެހޭ ޕާޓީއެއް: މައުރޫފް
މިއަދުގެ ރައީސަކީ ރާއްޖެއަށް ހަމަހިމޭންކަމާއި، އަމާންކަމާއި އުފާވެރިކަން ގެނެސްދެއްވާ ބޭފުޅެއް
ޕީޕީއެމްއަކީ އެއްވެސް ބަޔަކު ކައިރިވާން ހެޔޮވާވަރުގެ ޕާޓީއެއް ނޫން
ޕީޕީއެމްއާއެކު ކޯލިޝަން ހެދުމުގެ ހިތި ތަޖުރިބާ ވަނީ ލިބިވަޑައިގެންފައި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަކީ ކަރަންޓީން ކުރަންޖެހޭ ޕާޓީއެއް ކަމަށް, މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

މައުރޫފް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ގުރައިދޫގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement

މައުރޫފް ވިދާޅުވީ ޕީޕީއެމްއިން ކޯލިޝަން ހެދުމަށް ދައުވަތު ލިބިވަޑައިގަތް ކަމަށާއި، މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށް ނެރޭނީ ކޮން ކެންޑިޑޭޓަކީ ކޮބައިތޯ ސުވާލުކުރެއްވުމުން, އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ދެންނެވުމުން އެކަމުން ދުރުވެވަޑައިގަތީ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ޕީޕީއެމްއަކީ ކަރަންޓީން ކުރަންޖެހޭ ޕާޓީއެއްކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، ޗާގޯސް މައްސަލައާ ގުޅުވައިގެން ވެސް އެކިއެކި ސިޔާސީ ޕާޓީތަކުން ޕީޕީއެމްއާއެކު ނުކުތް ކަމަށެވެ. އެގޮތުން ދަ ޑިމޮކްރެޓްސްވެސް ޗާގޯސް މައްސަލައާ ގުޅުވައި ޕީޕީއެމްއާއެކު ނުކުތް ނަމަވެސް، އިންޑިއާ އައުޓް ކެމްޕޭން ޖެއްސުމާއެކު އެބޭފުޅުންވެސް ޕީޕީއެމްއާ ދުރުވި ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕީޕީއެމްއަކީ އެއްވެސް ބަޔަކު ކައިރިވާން ހެޔޮވާވަރުގެ ޕާޓީއެއް ނޫން ކަމަށެވެ.

މިއަދު އަޅުގަނޑު ދަންނަވާނީ، ކަރަންޓީން ކުރަންޖެހޭ ޕާޓީއެކޭ ޕީޕީއެމްއަކީ. އެއީ ކުރީ ޒަމާނުގަ ވެސް ތޯއޫނު ބަލި އުފެދިއްޖެއްޔާ އެބައިމީހުންނާ އެއްވެސް ބަޔަކު ކައިރިއެއް ނުވާނެ. އެހެންވީމަ މިއަދު ސިޔާސީގޮތުން އަޅުގަނޑު ބުނާނީ އެއްވެސް ބަޔަކު ޕީޕީއެމްއަކާ ކައިރިނުވާނޭ.
އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް

ޕީޕީއެމްއާއެކު ކޯލިޝަން ހެދުމުގެ ހިތި ތަޖުރިބާ ލިބިވަޑައިގެންފައި ވާކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ކޯލިޝަނުގައި ދެމިއޮތީ ދެ ސަބަބަކާ ގުޅިގެން ކަމަށެވެ. އެއީ އެމްޑީއޭގެ ވެރިން ހުރަގެއަށް ލައިފާނެ ކަމުގެ ބިރާއި، ރާއްޖޭގެ ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކަށް ބެލުމަށްފަހު ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރު ވެރިކަން ބަދަލުވެ، އުފާވެރި ރާއްޖެއެއް ރައްޔިތުންނަށް ހޯދައިދީފައިވާކަމަށާއި، ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އައްޔަންކުރާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ރާއްޖޭގެ ރައީސްއަކީ މިއަދު ޓޫރިޒަމް ދާއިރާއަށް އެންމެ ބޮޑު އިންވެސްޓެއް ކުރައްވާފައިވާ ބޭފުޅާ. ދެބިލިއަން ޑޮލަރު އިންވެސްޓް އެބަހުރި. އަޅުގަނޑުމެން ޕީޕީއެމްއާއެކު ކޯލިޝަން ހަދާ 2018ގަ ހުއްޓިގެން ދިޔައީ ކީއްވެގެންތޯ؟ އަޅުގަނޑުމެން އެދޭ ކަންތައްތައް ނޫން ސިޔާސީ ވެރިން ހުރަގެއަށް ލުމަކީ. އަޅުގަނޑުމެން އެދޭ ކަމެއް ނޫން އދ.އާ ގުޅުން ކަނޑާލުމަކީ. އަޅުގަނޑުމެން އެދޭ ކަންތައްތަކެއް ނޫން ޔޫރަޕިއަން ޔޫނިއަނާ އޮތް ގާތްކަން ދުރުވެގެން ދިއުމަކީ. އަޅުގަނޑުމެން އެދޭ ކަމެއް ނޫން ކޮމަންވެލްތުން ވަކިވެގެން ދިއުމަކީ. މިހުރިހާ ސަބަބުތަކާހުރެ މިއަދު މިތިބީ އެމްޑީޕީއާއެކު. 2018ގަ ހަމަހިމޭނުން ތިބީއެއް ނޫން. ރައީސްއާ ވެރިކަން ހަވާލުކުރުމަށްފަހު އެމަނިކުފާނު ކުރައްވަނީ ހެޔޮވެރިކަމެއްތޯ ނޫނީ އެމަނިކުފާނު ކުރައްވަނީ އަނިޔާވެރި ވެރިކަމެއްތޯ ބަލަމުން ގެންދިޔައިން. ފެނިގެން ދިޔައީ ރާއްޖޭގެ އިގްތިސާދު ބިނާކުރައްވާ، ރާއްޖޭގެ އެއްވެސް ސިޔާސީ ބޭފުޅަކު ޖަލަށް ނުލައްވާ، ވިޔަފާރިވެރިންނަށް އެއްވެސް ދައްޗެއް ނުކުރައްވާ އެމަނިކުފާނު ވެރިކަން ނިންމަވަމުންދާތަން. އެހެންވީމަ ދެވަނަ ދައުރަކަށް ރައީސް ނޫން ޗޮއިސްއެއް އޮތް ކަމަށް ގަބޫލެއް ނުކުރަން.
އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް

މައުރޫފް ވިދާޅުވީ މިއަދުގެ ރައީސަކީ ރާއްޖެއަށް ހަމަހިމޭންކަމާއި، އަމާންކަމާއި އުފާވެރިކަން ގެނެސްދެއްވާ ބޭފުޅެއް ކަމަށެވެ. އަދި އެކަން މިއަދު ރައްޔިތުން ވެސް ބަލައިގަންނަ ކަމަށާއި، އެކަން މުޅި ރާއްޖެއިން ފެނިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް