ކ. މާލެ
|
13 ޖުލައި 2023 | ބުރާސްފަތި 11:27
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
ހިތަދޫ މެޖިސްޓްރޭޓް ސަސްޕެންޑުކުރުން
ހިތަދޫ މެޖިސްޓްރޭޓް ރަފީއުއްދީން ހަފްތާއަކަށް ސަސްޕެންޑުކޮށްފި
މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުނުކޮށް 1 އަހަރާއި 5 މަހާއި 19 ދުވަސް ހޭދަކޮށްފައިވޭ
މިއަދުން ފެށިގެން 7 ދުވަހަށް ސަސްޕެންޑުކުރުމަށް ވަނީ ނިންމާފައި

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު 7 ދުވަހަށް ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ އޭނާ ސަސްޕެންޑުކުރަން ނިންމާފައިވަނީ އަވަސްނިޔާގެ އަޑުއެހުމުގައި މައްސަލައެއްގައި ބަޔާންތަކުގައި ސޮއިކުރެވިފައިނުވާތީ، އެހެން ދުވަހަކަށް ޙުކުމް ކުރުމަށް ތާވަލުކުރާނެކަމަށް ޝަރީއަތުން ބުނެ، ޙުކުމްކޮށްފައިނުވާތީ ކަމަށެވެ.

އަދި މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުނުކޮށް 1 އަހަރާއި 5 މަހާއި 19 ދުވަސް ހޭދަކޮށްފައިވާކަމަށާއި، އެއަށްފަހު ހުކުމް ކުރުމަށް ތާވަލުކޮށް، ދައުވާލިބޭ ފަރާތް ރަށުގައި ނެތުމުގެ ސަބަބުން ހުކުމް ކުރުމުގެ މަޖިލިސް ކެންސަލް ކުރުމަށްފަހު މައްސަލައިގެ ޙުކުމްނުކޮށް ވަނިކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދުމުން މައްސަލަ އަނބުރާ ފޮނުވައިދީފައިވާކަން ތަހުގީގަށް ހޯދުނު ލިޔެކިޔުންތަކާއި ބަޔާންތަކުން އެނގެން އޮތްކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ޖޭއެސްސީން ބުނީ މި ގަޒިއްޔާގެ ހުކުމް ކޮށްފައި ނުވަނީ މެޖިސްޓްރޭޓް ރަފީޢުއްދީންގެ އިހުމާލެއް އޮވެގެން ކަމަށް ސާބިތުވާކަމަށާއި، މި ޢަމަލަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 ވަނަ ނަންބަރާއި 6.2 ވަނަ ނަންބަރާއި 6.4 ވަނަ ނަންބަރާއި ޚިލާފަށް ކޮށްފައިވާ ޢަމަލެއް ކަމަށް ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

އަދި 2023 ޖުލައި 13ން ފެށިގެން ވަޒީފާއަށް ނުނިކުމެ 07 ދުވަހަށް ސަސްޕެންޑް ކުރުމަށް 2023 ޖުލައި 12 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 46 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

- ކޮމެންޓް