ކ. މާލެ
|
12 ޖުލައި 2023 | ބުދަ 17:53
ސިޔާސީވެށި ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވާހަކަފުޅު ދައްކަވަނީ
ސިޔާސީވެށި ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
މަޖިލިސް ހިންގުމަށް ފުރުސަތު ދޭންޖެހޭ
މަޖިލިސް ހިންގުމަށް ފުރުސަތު ދޭން ޖެހޭ، ބޮޑުވަޒީރުކަން ބޭނުންވާނަމަ މަޝްވަރާގެ ތެރެއިން ވަޑައިގަންނަވާ: މެންބަރު ނިހާދު
މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައި މަރުތަޅު އެޅުމަކީ ހައްލެއް ނޫން
ރައްޔިތުން ރުހޭ ގޮތަށް މަސައްކަތްނުކޮށް ބޮޑުވަޒީރުގެ މަގާމަށް އާދެވޭނެކަމާއި މެދު ސުވާލު އުފެދޭ
ޑިމޮކްރަސީގެ ރީތި އުސޫލުތައް ގެންގުޅުނު ބޭފުޅުންގެ ފަރާތުން ހުތުރު ޑިމަކްރަސީއެއް ފެނިގެން ދިއުމަކީ ދެރަ ކަމެއް

ރައްޔިތުންގެ މަޖިލިސް ހިންގުމަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި، ބޮޑުވަޒީރުކަން ބޭނުންވާނަމަ މަޝްވަރާގެ ތެރެއިން މަސައްކަތްކޮށް، ގާނޫނު އަސާސީއާ އެއްގޮތަށް މަގާމަށް ވަޑައިގަންނަވަންވީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ސިޔާސީވެށި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ނިހާދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައި މަރުތަޅު އެޅުމަކީ ހައްލު ނޫން ކަމަށެވެ. ބޮޑުވަޒީރުކަން ބޭނުންވާ ކަމަށްވާނަމަ ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން އުސޫލުގެ ތެރެއިން އެމަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި، މަޝްވަރާ ކުރުން ވެސް އެބައޮތް ކަމަށް މެންބަރު ނިހާދު ވިދާޅުވިއެވެ. އަދި ގާނޫނު އަސާސީއަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު މަގާމަށް ވަޑައިގަންނަވަންވީ ކަމަށް މެންބަރު ނިހާދު ވިދާޅުވިއެވެ.

ނަމަވެސް މަޖިލިސް ހިންގަން ފުރުސަތު ނުދީ، ރައްޔިތުން ބޭނުންވާ ގާނޫނުތައް ފާސްނުކޮށް އަދި ރައްޔިތުން ރުހޭ ގޮތަށް މަސައްކަތްނުކޮށް ބޮޑުވަޒީރުގެ މަގާމަށް އާދެވޭނެކަމާއި މެދު މެންބަރު ނިހާދު ސުވާލު އުފެއްދެވިއެވެ. އަދި ވިދާޅުވީ މަޖިލިސް މެންބަރުންނަށް ވެސް އެމަގާމަށް އާދެވެނީ ރައްޔިތުންގެ ރުހުމާއެކު ކަމަށެވެ. މެންބަރު ނިހާދު ވިދާޅުވީ ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާ އަދާނުކޮށް މާދަމާ ވޯޓު ހޯދުމަށް ނުކުތް ނަމަވެސް ލިބޭނެ ވޯޓެއް ނޯންނާނެ ކަމަށެވެ.

ބޮޑުވަޒީރުކަން ބޭނުންވަންޏާ ވެސް އަޅުގަނޑުމެންނާއި ވެސް ރީއްޗަށް ވާހަކަ ދައްކައިގެން ގާނޫނަށް އަދި ގާނޫނު އަސާސީއިން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށްފައި މަގާމަށް ވަޑައިގަންނަވަންވީ. އަޅުގަނޑުމެން މަޖިލިސް ހިންގަން ފުރުސަތު ދީގެން ރައްޔިތުން ބޭނުންވާ ގާނޫނުތައް ވުޖޫދުކޮށްދީގެން ރައްޔިތުން ރުއްސައިގެންނޫންތޯ ބޮޑުވަޒީރަކަށް އާދެވޭނީ. ރައްޔިތުން އަޅުގަނޑުމެންނާ ހަމަވާލުކޮށްފައިވާ ޒިންމާ އަދާނުކޮށް މާދަމާ ނުކުމެ ކޮން ވޯޓެއްތޯ ލިބޭނީ. ލިބޭނެ އެއްޗެއް ނޯންނާނެ. ނަމަވެސް މިހުރިހާ އެއްޗެއް ދޫކޮށްލާފައި އަމިއްލަ އެދުން އިސްކޮށްގެން ހެނދުނު އެއްވާހަކަ މެންދުރު އެއްވާހަކަ ހަވީރު އެއްވާހަކަ ރޭގަނޑު އެއްވާހަކަ ދައްކައިގެން މުޅި އެތި ޑްރާމާއަކަށް ބަދަލުކޮށްގެން ރައްޔިތުން މަޖިލީހުގައި ލިބިފައިވާ މައިކްއަކީ އެއީ ތިމަންނާމެން ސިޔާސީ ގޮތުން ރައްޔިތުން ފިތުނަކޮށް ރައްޔިތުންގެ ތެރޭގައި ދޮގު ވާހަކަ ފަތުރާ ރައްޔިތުންނަށް އޮޅުވާލައިގެން ތިމަންނާމެން ސިޔާސީ އަމިއްލަ އެޖެންޑާއެއް ފުރިހަމަކުރުމަށް ހިންގަމުން ގެންދާ ބޮޑު ޖަރީމާއެއް. އެއީ ގާނޫނު ކުށެއް އެކުރަނީ
ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު

މިދިޔަ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހަށް ސިފައިން ވަތް މައްސަލައަށް އިޝާރާތް ކުރައްވައި މެންބަރު ނިހާދު ވިދާޅުވީ ސިފައިންގެ އެންމެ މަތީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، އެ ކޮމާންޑަށް ސިފައިން އަމަލުކުރާނެ ކަމަށެވެ. ރައްޔިތުން މަޖިލީހުގެ މަސައްކަތްތައް ހުއްޓުވި ނަމަވެސް ސިފައިން މަޖިލީހަށް ވައްދައި މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުން އެބޭފުޅާ ނުނަގާނެ ކަމަށް މެންބަރު ނިހާދު ވިދާޅުވިއެވެ. މެންބަރު ނިހާދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ އެގޮތަށް އަމަލުކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި، މެޖޯރިޓީއަށްވުމާއެކު މަސައްކަތް ކުރަނީ ރީތީ ޑިމަކްރޮސީ އުސޫލުން ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ރައީސް ސިފައިން ވެއްދުމަށް އެދުނު ނަމަވެސް ރައީސް އަމުރުނުކުރައްވާ ކަމަށްވާނަމަ އެގޮތަށް އެކަން ނުހިނގާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވަނީ މަޖިލީހުގެ ރައީސް ހުއްދަދީގެންނޭ ވެއްދޭނީ. ދައުވަތު ވެސް ދެވޭނީ ގެންދެވޭނީ އެ އޮންނަ އުސޫލެއްގެ ތެރެއިން ކަމަށް ސިސްޓަމް އޮންނަނީ އެހެން. ނަމަވެސް ސިފައިން ވައްދަން އޮންނަ ހާލަތެއްގައި މިދިޔަ ސަރުކާރުގައި ސިފައިން ވެއްދީއެއް ރައްޔިތުންގެ މަޖިލީހުން އެދިގެން ނޫން. އޭރުގެ ހާލަތުގައި ރައްޔިތުން މަޖިލީހުގެ ރައީސް ރުހުން އޮތް ކަމަށް ވެދާނެ. ނަމަވެސް ރާއްޖޭގެ ސިފައިން ކޮމާންޑް ނޫން ގޮތަކަށް ފޮލޯއެއް ނުކުރާނެ. ރައްޔިތުން މަޖިލީހުގެ ރައީސް އެންގީމަ އައިސް ރައްޔިތުން މަޖިލީހަކަށް ރާއްޖޭގެ ސިފައިން އައިސް އެތަން ހިސޯރުކޮށްގެން ނުތިބޭނެ. ދިވެހިރާއްޖޭގެ ސިފައިން އަދި ގާނޫނާ ހިލާފަށް ކަމެއް ކުރިއަސް އަދި ކޮންމެ އުސޫލަކުން ކަމެއް ކުރިއަސް މިވީ ހިސާބަށް އަމަލުކޮށްފައި އޮތީ ދިވެހި ސިފައިންގެ މަތީގައި ކޮމާންޑަރު ކޮމާންޑް ކުރާ ގޮތަކަށް. އެހެންވީމަ ރާއްޖޭގައި މިހާރު ހުންނެވި ކޮމާންޑާ ޗީފްއަކީ ރައީސުލްޖުމްހޫރިއްޔާ. އިބްރާހިމް މުހައްމަދު ސާލިހު. ރައީސުލްޖުމްހޫރިއްޔާ ކޮމާންޑް ނުކުރައްވާ ހިނދެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް ކިތަންމެ ވަރަކަށް އެދުނު ނަމަވެސް ދިވެހިރާއްޖޭގެ ސިފައިން ނުފޮނުވާނެ.
ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު

މެންބަރު ނިހާދު ވިދާޅުވީ ސުޕްރިމްކޯޓު އަދި މަޖިލީހަށް ސިފައިން ނުވައްދާ ވެސް މައްސަލައަށް ހައްލު ހޯދާނެ ކަމަށެވެ. ހުތުރުކޮށް މަސައްކަތް ކުރަން އުޅުނު ނަމަވެސް އެގޮތަށް އެކަން ނުހިނގާނެ ކަމަށް މެންބަރު ނިހާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޑިމަކްރަސީގެ ރީތި އުސޫލުތައް ގެންގުޅުނު ބޭފުޅުންގެ ފަރާތުން ހުތުރު ޑިމަކްރަސީއެއް ފެނިގެން ދިއުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

- ކޮމެންޓް