ކ. މާލެ
|
14 ޖުލައި 2017 | ހުކުރު 18:45
ޓީސީ އަދި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން
ޓީސީ އަދި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއެމްވީ
މާލޭ ލީގު 2017
މާލޭ ލީގު: ބޮޑު ތަފާތަކުން ޔޫވީ ބަލިކޮށް ގަދަ ހަތަރެއްގެ އުންމީދު ޓީސީ އާކޮށްފި
ޓީސީ ވަނީ ފަސްވަނައިގައި އޮތް ވިކްޓްރީއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފައި
ޔޫނައިޓެޑް ވިކްޓްރީ އޮތީ ތިން ޕޮއިންޓާއެކު ޕޮއިންޓް ތާވަލުކުގެ ފުލުގައި

މާލޭ ލީގުގައި ބޮޑު ތަފާތަކުން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް ގަދަ ހަތަރެއްގެ އުންމީދު ޓީސީ ސްޕޯޓްސް ކްލަބުން އާކޮށްފި އެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މެޗު ޔޫވީއާ ވާދަކޮށް ޓީސީން މެޗު ކާމިޔާބުކުރީ 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ގާތް ގާތުގައި ޓީސީން ވަނީ ޔޫވީގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދާފައެވެ. އެގޮތުން އިބްރާހިމް މުހުދީ ހުސެއިން (އިއްބެ) އަދި ބިދޭސީ ކުޅުންތެރިޔާ ކޯނޭ އަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

ޓީސީން މެޗުގެ ލީޑު ނެގީ 40 ވަނަ މިނެޓުގައި މުހައްމަދު ސާމިރު އެވެ. އޭގެ ތިން މިނެޓު ފަހުން އޭނާ ވަނީ ޓީސީ އަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ޔޫވީގެ މައްޗަށް ޓީސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޓީސީން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، 53 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޯނޭ އެވެ.

މި ލަނޑަށްފަހުވެސް ޓީސީން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތު ހޯދަމުންނެވެ. އެގޮތުން ޓީސީގެ ކޯނޭ ވަނީ 69 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްދިނީ އިއްބެގެ އެހީތެރިކަމާއެކުގައެވެ.

ޓީސީން ކާމިޔާބުކުރި ފަސްވަނަ ލަނޑު 82 ވަނަ މިނެޓުގައި އިއްބެ ކާމިޔާބުކުރިއިރު، ހަވަނަ ލަނޑު 87 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އައްޒާމްއެވެ. މި ލަނޑުތަކަށްފަހުވެސް ޓީސީ އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިއްބެއެވެ.

މި ނަތީޖާއާއެކު ޓީސީ ވަނީ 19 ޕޮއިންޓް ހަމަކޮށް ފަސްވަނައިގައި އޮތް ވިކްޓްރީއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފައެވެ. މެޗުން ބަލިވި ޔޫވީ އޮތީ ތިން ޕޮއިންޓާއެކު ޕޮއިންޓް ތާވަލކުގެ ފުލުގައެވެ.

ޓީސީ އަށް ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރަން އަމިއްލަ ބާރު ނެތް ނަމަވެސް އެޓީމަށް އަދިވެސް ފުރުސަތު އެބަ އޮތެވެ. އެގޮތުން ގްރީން ސްޓްރީޓް އަތުން އީގަލްސް ބަލިވެ އަދި ވިކްޓްރީއާ ދެކޮޅަށް ޓީސީ ކުޅޭ މެޗުން އެޓީމު މޮޅުވެގެން ޓީސީ އަށް ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރެވޭނެއެވެ.

 

- ކޮމެންޓް