އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު, ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތްކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕް މި މަހުގެ 21 އަދި 22 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އުރީދޫ ނޭޝަންއިން ކުރިއަށްގެންދާ މި މުބާރާތަކީ ގޭމު ކުޅޭ ފަރާތްތަކުގެ ތެރެއިން ޕަބްޖީގެ އެންމެ ހުނަރުވެރި އަދި ވާދަވެރި ޓީމުތައް އެއްތަނަކަށް ގެނެސް، ވާދަވެރި މާހައުލެއްގައި ބައިވެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މުބާރާތެކެވެ. މިދިޔަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑަރ ސީރީޒް 1، 2 އަދި 3ގެ އިތުރުން، ވައިލްޑް ކާޑް އެންޓްރީ ސީރީޒްގެ ކާމިޔާބީއަށްފަހު ޖުމްލަ 16 ޓީމެއް ވަނީ އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދާފައެވެ.
އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގެ މެޗުތައް ދެ ދުވަހަކަށް ބަހާފައިވާއިރު ފުރަތަމަ ދުވަހު ކުރިއަށްދާނީ ވަރޗުއަލް މެޗުތަކެވެ. ނަމަވެސް ދެވަނަ ދުވަހު ރެހެންދި ސްކޫލް ހޯލުގައި ލައިވް މެޗްތަކެއް ފެނިގެންދާނެއެވެ. މި މުބާރާތުގެ ފުރަތަމަ 6 މެޗް ވަރޗުއަލްކޮށް ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ދުވަހުގެ މެޗުތައް ކުރިއަށްދާނީ ހެނދުނު 8:00ން ހަވީރު 6:00އާ ދެމެދު، ރެހެންދި ސްކޫލް ހޯލުގައެވެ.
މި މުބާރާތުގެ އެންމެ މޮޅު ޓީމުތަކުގެ އަގު ވަޒަންކޮށް، ދިނުމަށް ހަމަޖެހިފައިވާ 100،000ރ ފައިސާގެ އިނާމު ދިނުމަށް ހަމަ ޖެހިފައިވަނީ އެންމެ މޮޅު 3 ޓީމަށެވެ. ފައިސާގެ އިނާމު ބަހާލެވިފައިވަނީ:
- 1 ވަނައަށް ދާ ޓީމަށް 50،000 ރުފިޔާ
- 2 ވަނައަށް ދާ ޓީމަށް 30،000 ރުފިޔާ
- 3 ވަނައަށް ދާ ޓީމަށް 15،000 ރުފިޔާ
- އެމްވީޕީ (އެންމެ މޮޅު ކުޅުންތެރިޔާ): 5،000 ރުފިޔާ
އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގެ ބައިވެރިންނަށާއި ގޭމިން ކޮމިއުނިޓީއަށްވެސް ހަނދާން ނައްތައިނުލެވޭވަރުގެ ތަޖުރިބާއެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އުރީދޫއިން ދެއެވެ.
މި ޗެމްޕިއަންޝިޕާއި ޓީމް އަޕްޑޭޓްތަކާއި ޝެޑިއުލްތަކާއި އެނޫންވެސް އެހެނިހެން ކަންކަމުގައި މައުލޫމާތު އުރީދޫ ވެބްސައިޓް www.ooredoonation.mv އަދި އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ލިބޭނެއެވެ.