ކ. މާލެ
|
10 ޖުލައި 2023 | ހޯމަ 17:37
ޗައިނާ
ޗައިނާ
ރޮއިޓާރސް
ޗައިނާ ސްކޫލް ހަމަލާ
ޗައިނާގެ ކުޑަކުދިންގެ ސްކޫލެއްގައި ވަޅިހަރައި، 3 ކުޑަކުދިންނާއި ބޮޑު 3 މީހުން މަރާލައިފި
2010ވަނަ އަހަރުން ފެށިގެން މިހާތަނަށް، ޗައިނާގައި ސްކޫލްތަކާއި ކޮލެޖް އަދި ޔުނިވަރސިޓީތަކަށް ވަދެ ވަޅިން ހަމަލާދިނުމުގެ 17 ހާދިސާއެއް ހިނގާފައިވޭ

ޗައިނާގެ ގުއަންގޑޮންގ ޕްރޮވިންސްގައި ތުއްތު ކުދިންގެ ސްކޫލަކަށް މީހަކު ވަދެ ވަޅިން ހަމަލާދީ، 3 ކުޑަކުދިންނާއި ބޮޑު 3 މީހުން މަރާލައިފިއެވެ. މިހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ވޫ ނަމަކަށްކިޔާ އުމުރުން 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ވާކަމަށެވެ. މަރާލި 3 މީހުންގެ ތެރޭގައި ހިމެނެނީ ޓީޗަރަކާއި 2 ބެލެނިވެރިންނެވެ. ސްކޫލަށް ވަދެ އޭނާ ހަމަލާދީފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 7.40ހާއިރުއެވެ. އޭރު ބެލެނިވެރިން ދިޔައީ ސްކޫލަށް ކުދިން ގެންދަމުން ކަމަށްވެއެވެ.

1.87 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގުއަންގޑޮންގގެ ލިއަންގޖިއަންގގައި ހިންގި ޖަރީމާގެ ވީޑިއޯތައް ސޯޝަލް މީޑިޔާގައި ދައުރުވާން ފެށުމާއެކު އާންމުން ދަނީ ނަފްރަތާއި ޝޮކްގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

ޗައިނާގައި އޮންނަނީ އާންމުން ބަޑި ގެންގުޅުން މަނާކޮށްފައެވެ. ނަމަވެސް ވަޅިން ހަމަލާދިނުން ވަނީ މިފަހަކަށް އައިސް އިތުރުވެފައެވެ. މިގޮތުން 2010ވަނަ އަހަރުން ފެށިގެން މިހާތަނަށް، ސްކޫލްތަކާއި ކޮލެޖް އަދި ޔުނިވަރސިޓީތަކަށް ވަދެ، ވަޅިން ހަމަލާދިނުމުގެ 17 ހާދިސާއެއް ހިނގާފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މީގެ ތެރެއިން 10 ހަމަލާދީފައިވަނީ 2018އާ 2023އާ ދެމެދުއެވެ.

އެހެން ބައެއް ގައުމުތަކުގައިވެސް ސްކޫލްތަކަށް ވަދެ ވަޅިން ހަމަލާދިނުމުގެ ހާދިސާތައް ހިނގިނަމަވެސް، ޗައިނާގައި މިގޮތަށް ވަޅިހެރުން އެހާބޮޑަށް އިތުރުވާ ކޮންމެވެސް ސަބަބެއް އޮންނާނެކަމަށް މާހިރުން ބުނެފައިވެއެވެ. މިގޮތުން ކޮވިޑް 19ގެ ސަބަބުން ގެނައި ދިގު ލޮކްޑައުންގެ ސަބަބުން އާންމުންގެ އަތްމަތިދަތިވުމާއި، ވިޔަފާރިތައް ބަނގުރޫޓްވުމާއި، އަދި ލޯބިވާ މީހުން ކުއްލިއަކަށް ވަކިވެދިއުން އެއީ އެކަމުގެ ސަބަބުކަމަށް ދަނީ ބެލެމުންނެވެ.

ކޮވިޑުގެ ސަބަބުން އެންމެ ގިނަ ދުވަހު ލޮކްޑައުންކޮށްފައި އޮތީ ޗައިނާގައެވެ. މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން މީހުންނަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ސްކޫލްތަކަށްވަދެ ވަޅިން ހަމަލާދިނުން އާންމުވަމުންދާތީ، ޗައިނާގެ ކަމާބެހޭ އިދާރާތަކުން ސްކޫލްތަކުގައި ސެކިއުރިޓީ ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި އިމަރޖެންސީއެއްގައި ކުދިންނާއި މީހުން ސްކޫލްތަކުން ނެރޭނެގޮތުގެ ތަމްރީން ތަކެއްވެސް އަންނަނީ ހިންގަމުންނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް