ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 23:25
''އުފާވެރި އަމާން ރާއްޖެ'' ކެމްޕޭން ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވާހަކަފުޅުދައްކަވަނީ
''އުފާވެރި އަމާން ރާއްޖެ'' ކެމްޕޭން ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
އުފާވެރި އަމާން ރާއްޖެ ކެމްޕޭން ފެށުން
އެމްޑީޕީގެ އޮޑީގައި ވާދަވެރިންނަށް އަރާ ހަމަނުކުރެވޭވަރުގެ އިންޖީނެއް ވަނީ އަޅާފައި: ފައްޔާޒު
އަމާންމަންޒިލަކަށް ދިއުމަށް ދަތުރުފެށީ ވަރަށް ނުރައްކާތެރި ދުވަސްވަރެއްގައި
މީގެ އެތައް ޒަމާނަކުން ނުކުރެވި ހުރި ގިނަ މަސައްކަތްތައް މިސަރުކާރުން ވަނީ ކޮށްފައި
މިސަރުކާރުން ދިވެހި ރައްޔިތުންނަށް ހަމަނޭވާލާނެ ފަސް އަހަރު ހޯދަދީފައިވޭ

އެމްޑީޕީގެ އޮޑީގައިވަނީ ވާދަވެރިންނަށް އަރާ ހަމަނުކުރެވޭވަރުގެ އިންޖީނެއް އަޅާފައި ކަމަށް އެޕާޓީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

''އުފާވެރި އަމާން ރާއްޖެ'' ކެމްޕޭން ޖަލްސާގައި ފައްޔާރު ވިދާޅުވީ އެމްޑީޕީން އަމާންމަންޒިލަކަށް ދިއުމަށް ދަތުރުފެށީ ވަރަށް ނުރައްކާތެރި ދުވަސްވަރެއްގައި ކަމަށާއި، ކުރެވުނު މަސައްކަތުން އަމާން މަންޒިލަކަށް ބަނދަރު ކުރެވުނު ކަމަށެވެ. ނަމަވެސް ތަގުދީރު ނިޔާކުރި ގޮތުން ކުރިމަތިވެގެން ދިޔައީ ހިތާމަވެރި ދުވަސްކޮޅަކާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު އެ ފާހަގަކުރެއްވީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ހާލަތެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ހަމަޖެހިލާނެ ފުރުސަތެއް އަދި ވަގުތުކޮޅެއް ނުލިބުނު ނަމަވެސް އެދަތުރުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި ކަމަށާއި، ރައްޔިތުންގެ އެއްބާރުލުމާއެކު ދާން ބޭނުންވި ޖަޒީރާ ރާއްޖެއަށް ދެވުނު ކަމަށެވެ. އެގޮތުން ކުރެވުނު ބުރަ މަސައްކަތްތަކާއެކު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މިދައުރުގައި މިގައުމު އުދުހިގަންނަން ބޭނުންވާ ގިނަ ދާއިރާތަކަކުން ބިންގާ އެޅިގެން ދިޔަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މީގެ އެތައް ޒަމާނަކުން ނުކުރެވި ހުރި ގިނަ މަސައްކަތްތައް މިސަރުކާރުން ކޮށްފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ކާމިޔާބު ގިނަ މަސައްކަތްތައް ކުރުމަށްފަހު އަނެއް ފަސް އަހަރަށް ވެސް އެމްޑީޕީން ދަތުރުފަށާފައިވާ ކަމަށެވެ. އެގޮތުން ކުރިއާ ހިލާފަށް މިދަތުރުގެ އޮޑި ބަރު ކަމަށާއި، ވާދަވެރިންނަށް އަރާ ހަމަނުކުރެވޭވަރުގެ ބާރު ވަރުގަދަ އިންޖީނެއް އަޅާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިރެއަކީ އަނެއްކާ ވެސް އެމްޑީޕީ އޮޑީގައި އާ ދަތުރަކަށް އައު މަންޒިލަކަށް ދިއުމަށް ފަށާ ރެއެއް. މިދަތުރުގެ މަންޒިލަކީ އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް އަޅުގަނޑުމެން ކުރާ ދަތުރެއް. މިދަތުރު އަނެއްކާ ވެސް އަޅުގަނޑުމެން ރައީސް ސާލިހުގެ މާލިމީކަމުގައި މިފަށަނީ މާތްﷲގެ އިރާދަފުޅާއެކު އަޅުގަނޑުމެންގެ މިދަތުރު ކާމިޔާބުވާނެ ކަމާމެދު އެއްވެސް ޝައްކަތް ނުކުރަން. އެ ކާމިޔާބުވާނެކަމުގެ ފުރިހަމަ ކަމާއެކުގައި. މިފަހަރުގެ މިދަތުރުގެ ތަފާތަކީ ކުރިއާ ހިލާފަށް އަޅުގަނޑުމެން މިތިބީ ވަރަށް ގަދަކޮށް. އަޅުގަނޑުމެން އޮޑިއަށް ވަނީ ކޮއްތާއި ތެލާއި، ފެން އަރުވާ ބަރުކޮށްފައި. އަޅުގަނޑުމެންގެ ވާދަވެރިންނަށް އަރާ ހަމަނުކުރެވޭވަރުގެ ބާރު ވަރުގަދަ އިންޖީނު އަޅާލާފައި އަޅުގަނޑުމެންގެ އޮޑީގައި މިއަދު މިފުރަނީ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް

ފައްޔާޒު ވިދާޅުވީ މިސަރުކާރުން ދިވެހި ރައްޔިތުންނަށް ހަމަނޭވާލާނެ ފަސް އަހަރު ހޯދާދީފައިވާ ކަމަށެވެ. ކުރިއަށް އޮތް ފަސް އަހަރު ވެސް ހޯދުމަށް މަސައްކަތް ކުރަނީ ފަސް އެނބުރި ބެލުމެއް ނެތި ކަމަށާއި، އަނިޔާވެރިކަން އިޔާދަ ކުރުމަށް ޖާގަ ދިނުމެއް ނެތި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިދަތުރަކީ ކުރިއަށް އޮތް ފަސް އަހަރަކީ ވެސް އަމާން ރާއްޖެއެއް ހޯދުމަށް ކުރާ ދަތުރަކަށް ހެދުމަށް ކުރާ ދަތުރެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް