ޝަރީއަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ޖުޑިޝަރީއަށް އެންމެފަހުގެ ޓެކްނޮލޮޖީ ގެންނަން ޖެހޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރު މަހާޒު މިހެން ވިދާޅުވީ ދުރުން ޝަރީއަތްތައް ކުރިއަށް ގެންދިއުމުގައި ކާމިޔާބު ތިން އަހަރު ފާހަގަކުރުމުގެ ގޮތުން ދެއްވި ޚާއްސަ އިންޓަވިޔުގައެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވީ އޮންލައިން ޝަރީއަތްތަކާއެކު، ޝަރީއަތްތަކުގެ ފެންބަރު ދަމަހައްޓާ ދުނިޔޭގެ އެހެންގައުމުތަކާއި އެއްހަމަ ކުރުމަށް ރާއްޖޭގެ ކޯޓުތަކަށް އެންމެފަހުގެ ޓެކްނޮލޮޖީ ގެންނަން ޖެހޭ ކަމަށެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވީ އެންމެފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާނަމަ، ދިގު ސޮފުހާތަކުގެ ހުކުމްތައް ކިޔާއިރު، ކުށެއް ޖެހުނު ނަމަވެސް އެކަން އެނގޭނެ ކަމަށެވެ.
އޮންލައިން ހިޔަރިންތަކާއެކު، ޓެކްނޮލޮޖީ ބޭނުންކުރަން ޖެހޭ މިޝަރީއަތްތަކުގެ ފެންވަރު ދަމަހައްޓަން ދުނިޔޭގެ އެހެން ގައުމުތަކާއި ފައިހަމަކުރަން. މިސާލަކަށް ދަންނަވާ ކަމަށްވާނަމަ މިހާރު އަޅުގަނޑުމެން 30 ނުވަތަ 40 އަކަށް ސޮފުހާގެ ހުކުމެއް ކިޔާ ނިންމާލާއިރުގަ ލިޔެފައި އޮންނަ ކަރުދާސް ގަނޑަކަށް ބަލައިގެން ކިޔާ ނިންމާލާއިރު ކިތަންމެ ފަރިތަަކޮށް ކިޔަން ފިއްޔެއް އަކުރެއް ވެއްޓިދާނެ. އެ ލޯގެން ދާގޮތަކުން އަތުން ދޫވެދާނެ. އެކަމަކު އަޅުގަނޑުމެން އެއަށް ޓެކްނޮލޮޖީ ގެނެސްޖެ ކަމަށްވާނަމަ 30 މިނެޓް ހުކުމް ކިޔާއިރުގަ ކިރިޔާ ލިޔެފައި ހުންނަ އެއްޗެއްގެ މިސްޓޭކެއް ޖެހުނު ނަމަވެސް ކިއުމާ ލިޔުމާއި ތަފާތުވާ ކަމަށްވަންޏާ އެނގޭނެ.ފަނޑިޔާރު މަހާޒު އަލީ ޒާހިރު
ފަނޑިޔާރު މަހާޒު ވިދާޅުވީ ޖުޑިޝަރީއަށް އެންމެފަހުގެ ޓެކްނޮލޮޖީ ބޭނުންވާ ކަމަށާއި، ފަހުގެ ޑޭޓާ ބޭސްތައް ބޭނުންވާ ކަމަށެވެ. އެޓެކްނޮލޮޖީ އާއެކު މަސައްކަތްތަކަށް ވެސް ހެޔޮ އަސަރު ފެންނާނެ ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޖުޑިޝަރީގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރާއިރު، މުސްތަގުބަލުގައި ޝަރީއަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފަހުގެ ޓެކްނޮލޮޖީގެ ބާވަތްތައް ބޭނުންކުރަން ޖެހޭ ކަމަށެވެ.