ކ. މާލެ
|
7 ޖުލައި 2023 | ހުކުރު 12:24
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ޕީއެސްއައިޕީ މަޝްރޫއުތައް
ދައުލަތުގެ ޚަރަދުގައި ހިންގި ޕީއެސްއައިޕީ މަޝްރޫއުތަކަށް 5.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފި
 
ބިން ހިއްކުމާއި، މަގުތައް ތަރައްގީކުރުމަށް މިހާތަނަށް 1.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ
 
ދަތުރުފަތުރާ ގުޅުންހުރި މަޝްރޫއުތަކަށް ކުރި ޚަރަދު ބޮޑުތަނުން އިތުރު

ދައުލަތުގެ ޚަރަދުގައި ހިންގި ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) ތަކަށް މިހާތަނަށް 5.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާގޮތުން މިއަހަރުގެ މިހާތަނަށް ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ކުރި ޚަރަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ވަނީ 2 ބިލިއަން ރުފިޔާ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ޚަރަދުކޮށްފައިވަނީ 3.2 ބިލިއަން ރުފިޔާއެވެ.

މިހާތަނަށް އައިއިރު ރާއްޖޭގެ ތަރައްގީއާ ގުޅޭ އެކި ދާއިރާތަކުން މަޝްރޫއުތައް ހިންގާފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިގޮތުން ގައުމީ ސަލާމަތާ ގުޅުންހުރި މަޝްރޫއުތަކަށް 103.2 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މިދާއިރާއިން ހިންގާފައިވަނީ 17.7 މިލިއަން ރުފިޔާގެ މަޝްރޫއެވެ.

މީގެ އިތުރުން ސިއްހީ ދާއިރާ ކުރިއެރުވުމުގެ 102.4 މިލިއަން ރުފިޔާގެ މަޝްރޫއު މިހާތަނަށް ހިންގާފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއިން ހިންގާފައިވަނީ 90.7 މިލިއަން ރުފިޔާގެ މަޝްރޫއެވެ.

ތައުލީމީ ދާއިރާއާ ގުޅުންހުރި 229.7 މިލިއަން ރުފިޔާގެ މަޝްރޫއު މިހާތަނަށް ހިންގާފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ހިންގާފައިވަނީ 176.3 މިލިއަން ރުފިޔާގެ މަޝްރޫއެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން 227.4 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގާފައިވާކަމަށް ސަރުކާރުން ހާމަކުރެއެވެ. މީގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކާއި، ގޮނޑުދޮށްތައް ހިމާޔަތްކުރުމާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކާއި، ފެން ހިންގާ ނިޒާމު ގާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ތިމާވެއްޓާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ހިންގާފައިވެއެވެ. މިގޮތުން 434.9 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގާފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ފެނައި ނަރުދަމާގެ މަޝްރޫއުތަކަށް 768.1 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މިފަދަ މަޝްރޫއުތަކަށް ޚަރަދުކޮށްފައިވަނީ 650.2 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ ދަތުރުފަތުރާ ގުޅުންހުރި 1.6 ބިލިއަން ރުފިޔާގެ މަޝްރޫއު މިހާތަނަށް ހިންގާފައިވާކަމަށެވެ. މީގެ ތެރޭގައި ކަނޑާއި އެއްގަމު އަދި ވައިގެ ދަތުރުފަތުރާ ގުޅުންހުރި މަޝްރޫއުތައް ހިމެނެއެވެ.

އޮފީސްތައް ތަރައްގީކުރުމުގެ 71.6 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

ބޯހިޔާވަހިކަމާ ގުޅުންހުރި މަޝްރޫއުތަކަށް 482 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން އިޖުތިމާއީ އަދި ދީނީ ކަންކަމާ ގުޅުންހުރި މަޝްރޫއުތަކަށް 193.7 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ބިން ހިއްކުމާއި، މަގުތައް ތަރައްގީކުރުމަށް މިހާތަނަށް 1.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މަސްވެރިކަމާއި، ދަނޑުވެރިކަމާ ގުޅުންހުރި މަޝްރޫއުތަކަށް މިހާތަނަށް 123.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އެހެނިހެން މަޝްރޫއުތަކަށް މިހާތަނަށް 8.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ސަރުކާރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް