ކ. މާލެ
|
6 ޖުލައި 2023 | ބުރާސްފަތި 16:42
މިކްސް ޑަބަލްސްގެ އިނާމު ދިނުން
މިކްސް ޑަބަލްސްގެ އިނާމު ދިނުން
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ގައުމީ ބެޑްމިންޓަން މުބާރާތް
ޒަޔާނާއި ނަބާގެ ޕެއާ، ވިދިވިގެން ހަތަރުވަނަ ފަހަރަށް މިކްސް ޑަބަލްސް ކާމިޔާބުކޮށްފި
ޒަޔާނާއި ނަބާގެ ޕެއާ ވަނީ ބައިނަލްއަގުވާމީ މެޑަލް ވެސް ހޯދާފައި

ގައުމީ ބެޑްމިންޓަން މުބާރާތުގައި ޒަޔާނާއި ނަބާހާގެ ޕެއާ، ވިދިވިގެން ހަތަރުވަނަ ފަހަރަށް މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޒަޔާނާއި ނަބާގެ ޕެއާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނިބާލާއި ނަބީހާގެ ޕެއާ ސީދާ ދެ ސެޓުން ބަލިކުރުމަށްފަހުއެވެ. ދެ ސެޓުން މެޗު ނިމުނު ނަމަވެސް، މެޗުގައި ފެނިގެން ދިޔައީ ފޯރިގަދަ ކުޅުމެކެވެ. ފުރަތަމަ ސެޓު 21-17އިން ނިމުނުއިރު، ދެވަނަ ސެޓު ނިމުނީ 21-16އިންނެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ޒަޔާނާއި ނަބާގެ ޕެއާއިން ހޯދީ ފައިނަލުގައި ހަސަން އަފްޝީން ޝަހީމާއި އާމިނަތު ޝަހުރުނާޒް މޫސާގެ ޕެއާ ބަލިކުރުމަށްފަހުއެވެ. ޒަޔާނާއި ނަބާގެ ޕެއާ ވަނީ ބައިނަލްއަގުވާމީ މެޑަލްވެސް ހޯދާފައެވެ.

ދެވަނަ ޑިވިޝަނުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ޔޫސުފް ނިޔާޒާއި އާއިޝަތު ޔޫސުފްގެ ޕެއާ ހޯދީ ފައިނަލުގައި އަލީ މުއާޒާއި ޒުހުދާ ހުސައިންގެ ޕެއާ 2-1ން ބަލިކުރުމަށްފަހުއެވެ. ފުރަތަމަ ސެޓު 23-21ން ކާމިޔާބުކުރީ މުއާޒާއި ޒުހުދާގެ ޕެއާއެވެ. ނަމަވެސް ޔޫސުފް ނިޔާޒާއި އާއިޝަތު ޔޫސުފްގެ ޕެއާ ވަނީ ފަހު ދެ ސެޓު ނަގާފައެވެ. 21-17އިން ދެވަނަ ސެޓު ކާމިޔާބުކުރިއިރު، ފަހު ސެޓު ކާމިޔާބުކުރީ 21-16އިންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މުޅިން އަލަށް ބާއްވާ ގައުމީ ޖޫނިއާ ބެޑްމިންޓަން މުބާރާތް ހޮނިހިރު ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް