ރާއްޖޭގެ އެކިއެކި ހިސާބުތަކުގައި ގިނަ މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މިއަހަރުގެ ތެރޭގައި 2 ނުވަތަ 3 މިސްކިތް ނިމޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ، އަހްމަދު އަދީލް ވިދާޅުވީ އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި މިސްކިތްތައް އިމާރާތް ކުރުމުގެ ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި، ގާތްގަނޑަކަށް 30 މަޝްރޫއު ހިމެނޭ ކަމަށެވެ. ގިނަ މިސްކިތްތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްތައް ފެށިފައިވާކަން ފާހަގަކުރައްވައި އަދީލް ވިދާޅުވީ މިއަހަރުގެ ތެރޭގައި 2 ނުވަތަ 3 މިސްކިތް ނިންމައި، އާއްމުންނަށް ހުޅުވާލާނެ ކަމަށެވެ.
އަދީލް ވިދާޅުވީ މިސްކިތްތައް އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކަމަށާއި، ކޮންމެ މިސްކިތެއްވެސް އިމާރާތްކުރުމަށް ގިނަ ދުވަސްތަކެއް ބޭނުންވާ ކަމަށެވެ. އަދި އެންމެ އަވަހަށް ނިންމުމަށް ދޭ މަޝްރޫއުގެ މަސައްކަތްތައްވެސް އެއްކޮށް ނިންމުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނަގާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަދީލް ވިދާޅުވީ، މިހާރު އިމާރާތް ކުރަމުންދާ މިސްކިތްތަކުގެ ޑިޒައިންތައް ތަފާތުވާނެ ކަމަށެވެ. މިސްކިތްތައް އިމާރާތް ކުރެވެނީ އިއާދަކުރަވިނިވި ހަކަތަައިން ކަރަންޓުގެ ނިޒާމު ގާއިމްކުރެވޭ ގޮތަށް ކަމަށް އަދީލް ވިދާޅުވިއެވެ.
މިހާރު މިނިސްޓްރީން އަޅާ ކޮންމެ މިސްކިތަކީ ވެސް ތަފާތު ޑިޒައިނަކަށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ މިސްކިތްތަކެއް. ވަރަށް ތަފާތު ޑިޒައިންތަކަކަށް ޑިޒައިންކޮށް އަދި ވަސީލަތްތައް ވެސް ތަފާތު ގޮތެއްގަ މި މަސައްކަތް ކުރަނީ. އެގޮތުން މިހާރު އަޅުގަނޑުމެން އިމާރާތްކުރާ ކޮންމެ މިސްކިތެއްގަ ވެސް އިއާދަކުރަނިވި ހަކަތަައިން ކަރަންޓުގެ ނިޒާމު ގާއިމްކުރެވޭނެ. އޭސީ ކުރެވިފަ ހުންނާނީ. ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ވެސް ހިތްހަމަޖެހުމާއެކު އަޅުކަން އަދާކުރެވޭނެ. އޭގެ އިތުރުން މިސްކިތަކީ ހަމައެކަނި ނަމާދު ކުރުމަށް ހުންނަ ތަނެއްގެ ބަދަލުގަ މިސްކިތްތައް އިމާރާތްކުރަނީ ކްލާސްރޫމްވެސް ހުންނަ ގޮތަށް. ގުރުއާނާ ދީނާ އެކި މައުލޫމާތު ފޯރުކޮށްދެވޭނެ ވަސީލަތްތައް ހުރި ތަނަކަށް މިސްކިތްތައް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން.އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ، އަހްމަދު އަދީލް
އަދީލް ވިދާޅުވީ މިސްކިތްތައް ނިންމުމަށް ކަނޑައަޅާ ތާރީޚަށް ނިންމުމަށް ކޮންޓްރެކްޓަރުން ވަރަށް މަސައްކަތްކުރާ ކަމަށާއި، ގިނަ މަޝްރޫއުތައް ވަރަށް ކާމިޔާބު ކަމަށެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ދިމާވާ އެކިއެކި ސަބަބުތަކާއި ގުޅިގެން މަޝްރޫއުތަކަށް ލަސްތަކެއް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ގިނަ މަޝްރޫއުތައް ނިންމަން ކަނޑައަޅާފައިވާ ތާރީޚަށް ނިމެނޭ ކަމަށް އަދީލް ވިދާޅުވިއެވެ.