ކ. މާލެ
|
5 ޖުލައި 2023 | ބުދަ 19:10
ނަބާހާއާއި ނަބީހާ
ނަބާހާއާއި ނަބީހާ
ރާއްޖެއެމްވީ
ގައުމީ ބެޑްމިންޓަން މުބާރާތް
ގައުމީ ބެޑްމިންޓަން މުބާރާތް: ނަބާހާގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް، ޗެމްޕިއަންކަން ނަބީހާއަށް
ނަބާހާއަކީ އެންމެ ފަހު ތިން މުބާރާތުގެ ޗެމްޕިއަން

ނަބާހާ އަބްދުއް ރައްޒާގުގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސް، ގައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ނަބީހާ އަބްދުއް ރައްޒާގު ހޯދައިފިއެވެ.

ނަބާހާ ވަނީ ވިދިވިދިގެން ތިން ފަހަރު (ސިންގަލްސް އިވެންޓު ހިމެނޭހެން) ވާދަކުރި ހުރިހާ އިވެންޓެއްގެ ޗެމްޕިއަންކަން ހޯދާފައެވެ. މި ސިލްސިލާ ނިމުމަކަށް އައީ މިއަދު ހަވީރު ނަބީހާ އަތުން ބަލިވުމާއެކުއެވެ.

ފައިނަލް މެޗު ނަބީހާ ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. ދެ ސެޓުން މެޗު ނިމުނު ނަމަވެސް މެޗުގެ ސެޓުތައް ދިޔައީ ވާދަވެރިކޮށެވެ. މެޗުގެ ފުރަތަމަ ސެޓު 15-21ން ނިމުނުއިރު، ދެވަނަ ސެޓު ނިމުނީ 22-20ންނެވެ. މިދިޔަ އަހަރުގެ ފައިނަލް މެޗު ނަބާހާ ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި އެންމެ މޮޅު އަންހެން ބެޑްމިންޓަން ކުޅުންތެރިޔަކަށް ހޮވުނީވެސް ނަބާހާއެވެ.

ފުރަތަމަ ޑިވިޝަނުގެ އަންހެން ސިންގަލްސްގެ ތިންވަނަ ލިބުނީ އާއިޝަތު އަފްނާން ރަޝީދާއި މައިސާ ފަތުހުﷲ އިސްމާއީލަށެވެ.

ދެވަނަ ޑިވިޝަނުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފިރުޝާނާ ނަސީރެވެ. އޭނާ ވަނީ ފައިނަލުގައި ޝައިބާ މުހައްމަދު ޝަރީފްގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދާފައެވެ. ފުރަތަމަ ސެޓު 12-21ން ކާމިޔާބު ކޮށްފައިވާއިރު، ދެވަނަ ސެޓު ކާމިޔާބުކުރީ 22-20ގެ ނަތީޖާއަކުންނެވެ. މި ބައިގެ ތިންވަނަ ލިބުނީ އާމިނަތު އީމާން އަދި އާއިޝަތު ޔަސްނާ އަތޫފަށެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 97 ކުޅުންތެރިން ވާދަކޮށްފައިވާއިރު, އޭގެތެރޭގައި އަންހެން 27 ކުޅުންތެރިން ހިމެނެއެވެ.

- ކޮމެންޓް