ރިޔާސީ އިންތިޚާބުގައި, ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭ ގޮތަށް، ޖުލައި މަހު 16ގައި ރަޖިސްޓްރޭޝަނަށް ހުޅުވާލަން ނިންމާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން ސިޔާސީ ޕާޓީތަކާއެކު ބުދަ ދުވަހު ބޭއްވި ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތައް ތައްޔާރު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނަށް ވެސް ވޯޓު ފޮށި ބެހެއްޓުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ހަބީބު ވިދާޅުވީ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިންތިޚާބާ ބެހޭ ވަރަށް ބޮޑެތި މަސައްކަތްތައް ފެށިގެން ކުރިއަށްދާނެ ކަމަށާއި، ޖުލައި މަހުގެ 16 ވަނަ ދުވަހު ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށެވެ. ރީ-ރަޖިސްޓްރީ ކުރުމަކީ ވަރަށް މުހިންމުކަމެއްކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ، ސިޔާސީ ޕާޓީތަކުންނާއި ކައުންސިލްތަކުން ރީ-ރަޖިސްޓްރީކުރުމަށް ބާރުއަޅައި، މަސައްކަތް ކޮށްދޭން ޖެހޭކަމަށެވެ. ރީ-ރަޖިސްޓްރީކުރަން 21 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި، މިފަހަރުގެ ޕްރޮސެސް ވަރަށް ފަސޭހަވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި އެ މީހަކު ހުރި ތަނަކުން އޮންލައިންކޮށް ފޯމު ހުށަހެޅުން އެއީ ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ހަބީބު ވިދާޅުވިއެވެ.
ޖުލައި މަހުގެ 15އިން ފެށިގެން ރަޖިސްޓްރީ ކްލޯޒްކުރާ ދުވަސް. ޖުލައި މަހުގެ 16 ވަނަ ދުވަހު ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ. ރީ-ރަޖިސްޓްރީއަކީ ވަރަށް މުހިންމު އެއްޗެއް. ރަޖިސްޓްރޭޝަން ކޮމިޝަނުން އަޅުގަނޑުމެން ސިޔާސީ ޕާޓީތަކާ ވާހަކަ ދައްކަމުން އައިސްފަ ކޮންމެ ފަސް އަހަރަކުން އެއްފަހަރު އަޅުގަނޑުމެން ފަށާނީ 0ންނޭ. އެހެންވީމަ 2018ގަ ޒީރޯއިން ފަށާފަ 2023 ރިޔާސީ އިންތިޚާބަށް ފަށާތީ ދާއިމީ އެޑްރެސް އޮތްތަނަށް އޮންނާނީ ރަޖިސްޓްރީވެފަ. 16 ޖުލައިން 05 އޮގަސްޓަށް ރީ-ރަޖިސްޓްރީއަށް ހުޅުވާލާނީ. 21 ދުވަސް އެބަލިބޭ. ގުޅުންހުރި މުއްސަސާތަކުން (ޚާއްސަގޮތެއްގަ ސިޔާސީ ޕާޓީތަކުންނާ ކައުންސިލްތަކުން) ވަރަށް ބޮޑަށް މަސައްކަތްކޮށްދޭން ޖެހޭ 21 ދުވަސް ދުވަސްތެރޭގައި ރީ-ރަޖިސްޓްރީ ކުރުމަށް.އީސީގެ ނައިބު ރައީސް، އިސްމާއީލް ހަބީބް
އިންތިޚާބަށް ނަގާ ވަގުތީ މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ، ވޯޓުލާ މަރުކަޒަށް 5500 އޮފިޝަލުން ބޭނުންވާކަމަށާއި، އޭގެ ތެރެއިން މިހާތަނަށް ކުރިމަތިލާފައިވަނީ 3212 އޮފިޝަލުން ކަމަށެވެ. އޮފިޝަލުން ނެގުމުގެ މަސައްކަތް މިހާރުވެސް އަތޮޅުތެރެއިންނާއި މާލޭގައި ކުރިއަށްދާކަން ހަބީބު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ޓާސްކްފޯސް މުވައްޒަފުންގެ ގޮތުގައި 280 މުވައްޒަފުން މިހާތަނަށް ވަގުތީ ގޮތުން ހަމަޖައްސާފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބު 2023 އޮބްޒަރވްކުރުމަށް 15 ގައުމަކަށް ރަސްމީކޮށް ދައުވަތު ފޮނުވާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ދައުވަތު ފޮނުވީ ރާއްޖެއަށްވެސް އެގައުމުތަކުގެ އިންތިޚާބުތައް ކުރިއަށްދާއިރު އޮބްޒަރވްކުރުމުގެ ދައުވަތު ލިބޭ ގައުމުތަކަށާއި މީގެ ކުރިން އިންތިޚާބަށް އެކިއެކި އެހީތެރިކަން ފޯރުކޮށްދީފައިވާ ގައުމުތަކަށް ކަމަށެވެ.
މީގެ ގިނަ ގައުމުތަކަކީ އަޅުގަނޑުމެންނަށް ދައުވަތު ދެއްވާ ގައުމުތައް. އިންތިޚާބުގެ ކަންތައްތަކުގަ، ނޫނީ އަޅުގަނޑުމެންގެ އިންތިޚާބަށް އެކިއެކި އެހީތެރިކަން މީގެ ކުރީގެ ދުވަސްތަކުގަ އެހީތެރިކަން ފޯރުކޮށްދީފަ ވާ ގައުމުތައް. އޭގެ އިތުރުން އަޅުގަނޑުމެންގެ ނިޒާމާ ކައިރި ގޮތަށް އެތަންތަނުގަ ނިޒާމު ހުރި ބައެއް ގައުމުތައް ވެސް. މި ދެންނެވި ގޮތަށް މިސާލަކަށް ފިލިޕީންސާ ސައުތު އެފްރިކާގެ ނިޒާމަކީ ރާއްޖޭގެ ނިޒާމާ ދާދި އެއްގޮތަށް ވޯޓުލާ ނިޒާމެއް. ޖޯޖިއާ ކަހަލަ ގައުމުތައް ހިމެނެނީ. އަވައްޓެރި ބައެއް ގައުމުތައް ނުހިމަނާ އެބަވޭ. އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާން ކަހަލަ ގައުމުތައް. އެއީ އެބޭފުޅުންގެ އިންތިޚާބުތައް އޮބްޒަރވް ކުރުމަށް އާއްމުކޮށް ފުރުސަތު ނުދެއްވާ.އީސީގެ ރައީސް ފުއާދު ތައުފީގު
ފުއާދު ވިދާޅުވީ ދައުވަތު ނުލިބޭ ގައުމުތަކުން ވެސް އިންތިޚާބު އޮބްޒަރވް ކުރަން ބޭނުންވާނަމަ އެފުރުސަތު ލިބޭނެ ކަމަށެވެ. ރަސްމީކޮށް ދައުވަތު ފޮނުވާފައިވާ 15 ގައުމަކީ ޖޯޖިއާ، ފިލިޕީންސް، އިންޑޮނޭޝިއާ، ތައިލެންޑް، ސައުތު ކޮރެއާ، ސައުތު އެފްރިކާ، ކިރްގިސްތާން، ހޮންޑިއުރާސް, ސްރީލަންކާ، ބޮސްނިއާ، އޮސްޓްރޭލިއާ، ޖޯޑަން، ކެނެޑާ، ޖަޕާން އަދި ނޭޕާލެވެ.