ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރު އޮތީ އެހެން ލެވެލެއްގައި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަޚްލޫފް މިހެން ވިދާޅުވީ ގަލޮޅު ރަސްމީ ދަނޑު ތަޅާލުމަށްފަހު، އައު ދަނޑެއްގެ މަސައްކަތް ފެށުން ލަސްވަމުންދާތީ އެކަމާ ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އަންގާރަ ދުވަހު މިނިސްޓަރު މަޚްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާގެ ލޯން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން މިހާރު 42 މިލިއަން ޑޮލަރު ހަމަޖެހިފައިވާކަމަށެވެ. އޭގެ ތެރޭގައި ގަލޮޅު ދަނޑުގެ އިތުރުން، ހަތަރު ރަށެއްގައި ސިންތެޓިކް ޓްރެކް ގާއިމުކުރުން، ތިން އިންޑޯ ވޮލީ ކޯޓު ގާއިމުކުރުން، ގައުމީ ބާސްކެޓު އެރީނާގެ މަސައްކަތް، އަދި ގައުމީ ޓޭބަލް ޓެނިސް (ޓީޓީ) ސެންޓަރު ގާއިމުކުރުމަށް ޓެންޑާކުރުމަށްފަހު، މި މަހުގެ 16 ވަނަ ދުވަހު ބިޑު ނެގުން އޮތް ކަމަށެވެ. ގަލޮޅު ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ފެށޭނީ ހުޅުމާލޭގައި ފުޓުބޯޅަ ކުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު ކަމަށްވެސް މަޚްލޫފް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ގަލޮޅު ދަނޑުގެ މަސައްކަތް ފަށައި، އެ މަސައްކަތް ނިންމާނީވެސް ރައީސް ސާލިހުގެ ސަރުކާރުގައި ކަމަށް މަޚްލޫފް ވިދާޅުވިއެވެ.
މި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބޮޑު ފުޓުބޯޅަ ދަނޑު ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަަނަށް ގިނަ ދަނޑުތަކެއްގެ މަސައްކަތް ނިންމާލަފައިވާއިރު، އެ ދަނޑު ތަކުގައި ބައިނަލްއަގުވާމީ ފެންވަރުގެ މެޗުތައް ކުޅުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމުގެ ތެރެއިން ލ. ގަމުގައި ސަރުކާރުން ގާއިމުކުރި ދަނޑުގައި ވަނީ ރާއްޖޭގެ ގައުމީ ޓީމާ ޕާކިސްތާނާ ދެމެދު ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފައެވެ.
ސަރުކާރުން ވަނީ މިހާތަނަށް 50ށްވުރެ ގިނަ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލާފައެވެ. މީގެ އިތުރުން 50ށްވުރެ ގިނަ ދަނޑުގެ މަސައްކަތް ދަނީ އެކި މަރުހަލާތަކުގައި ކުރިއަށެވެ. ގަލޮޅު ދަނޑު ތަޅާލުމަށްފަހު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ކަނޑައެޅި ތާރީޚަށް އެ މަސައްކަތް ފެށިފައިނުވާތީ، އާންމުން އަންނަނީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.