ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) އިން އިންތިޒާމުކޮށްގެން އެ ޖަމިއްޔާގެ ފިރިހެން މެންބަރުންނަށް ބާއްވާ ވޮލީ ބޯޅަ މުބާރާތުގެ ފުރަތަމަ މެޗު އިންފިނިޓީން ކާމިޔާބުކޮށްފި އެވެ.
އާދީއްތަ ދުވަހުގެ ހަވީރު ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި އިންފިނިޓީ ނުކުތީ މަންތިރިއާ ދެކޮޅަށެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗު އިންފިނިޓީން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ލީޑުގައި އޮވެ ކުޅެމުން ދިޔައީ މަންތިރި އެވެ. ނަމަވެސް އިންފިނިޓީން ވަނީ ވަކި ހިސާބަކުން ލީޑު ނަގައިފަ އެވެ. އެ ޓީމު ފުރަތަމަ ސެޓު ކާމިޔާބު ކުރީ 25-20 އިންނެވެ. ނަމަވެސް މަންތިރި ޓީމުން ވަނީ 15-25 ގެ ބޮޑު ލީޑަކުން ދެ ވަނަ ސެޓު ކާމިޔާބުކޮށް ސެޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ވާދަވެރި ކުޅުމަކަށްފަހު ތިން ވަނަ ސެޓާއި، ހަތަރު ވަނަ ސެޓު ކާމިޔާބު ކުރީ އިންފިނިޓީ އެވެ. އެއީ ތިން ވަނަ ސެޓު 25-20 އަދި ހަތަރު ވަނަ ސެޓު 26-24 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިންފިނިޓީގެ އަޒީމް އަޙުމަދު އެވެ.
މުބާރާތުގެ ދެ ވަނަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނީ ހަވަރު އަދި ގާފިލާ އެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ހަވަރު އެވެ. މެޗުގެ މޮޅު ކުޅުންތެރިކަށް ހޮވުނީ ހަވަރުގެ އާލިމް އިބްރާހީމް އެވެ.
މުބާރާތުގެ ތިން ވަނަ މެޗުގައި ހޯމަ ދުވަހުގެ ހަވީރު ބައްދަލު ކުރާނީ އިންފިނިޓީ އަދި ގާފިލާ އެވެ. ހޯމަ ދުވަހުގެ ރޭ ހަތަރު ވަނަ މެޗުގައި ބައްދަލު ކުރާނީ މަންތިރި އާއި ހަވަރު އެވެ.