ކ. މާލެ
|
2 ޖުލައި 2023 | އާދީއްތަ 20:42
ކޯނާ ކޯޑީ
ކޯނާ ކޯޑީ
ޓްވިޓަރ
ލެސްޓާ ސިޓި
ކޯޑީ އާއި ވިންކްސް ލެސްޓާއަށް
ލެސްޓާ ވަނީ މިދިޔަ ސީޒަނުގެ ފަހު ދުވަހު ރެލިގޭޓްވެފައި

މިދިޔަ ސީޒަނުގައި ރެލިގޭޓްވި ލެސްޓާ އިން އިންގްލެންޑުގެ ދެ ކުޅުންތެރިން ކަމަށްވާ ކޯނާ ކޯޑީ އާއި ހެރީ ވިންކްސް ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސޮއިކޮށްފިއެވެ.

އުމުރުން 30 އަހަރުގެ ޑިފެންޑަރު، ކޯޑީ ވުލްވްސްގައި އަށް އަހަރަށް ފަހު އަންނައިރު 27 އަހަރުގެ މިޑްފީލްޑަރު ވިންކްސް، އަންނަނީ ޓޮޓެންހަމް އާއެކު ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ.

ވިންކްސްގެ ފީއަކީ 10 މިލިއަން ޕައުންޑް އަދި ކޯޑީގެ 8.5 މިލިއަން ޕައުންޑް ކަމަށް ރިޕޯޓްތައް ބުނާއިރު، ކޮންމެ ކުޅުންތެރިއަކު ވެސް ވަނީ 10 ފަހަރު އިނގްލެންޑު ޓީމަށް ކުޅެފައެވެ. މިއީ މިދިޔަ ޖޫން މަހު ޗެމްޕިއަންޝިޕް ކުލަބާ ހަވާލުވި ފަހުން އެންޒޯ މެރޭސްކާ ސޮއިކުރި ފުރަތަމަ ދެ ކުޅުންތެރިންނެވެ. ސެންޓާ ބެކް، ކޯޑީ މިދިޔަ ސީޒަނުގައި އެވަޓަންގައި ލޯނު އެއްބަސްވުމެއްގެ ދަށުން ހޭދަކުރިއިރު، ވިންކްސް ހޭދަކުރީ ސަމްޕްޑޯރިއާއާ އެކު އިޓަލީގައެވެ.

ވުލްވްސްގެ ކުރީގެ ކެޕްޓަން ކޯޑީ އެ ޓީމަށް 317 މެޗު ކުޅެދީފައިވާއިރު ޔޫރޯ 2020 އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އިންގްލެންޑުން އެކުލަވާލި ސްކޮޑުގައި އޭނާ ހިމެނުނު ނަމަވެސް އޭނާ އެއްވެސް މުބާރާތެއްގައި ކުޅެފައެއް ނުވެއެވެ. އެވަޓަންއަށް ކުއްލި ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލުވުމުގެ ކުރިން 2022 ވަނަ އަހަރުގެ މެއި މަހު ވުލްވްސްގެ އެންމެ ފަހު މެޗުގައި އޭނާ ވަނީ ކުޅެފައެވެ. ރެލިގޭޝަނުން ސަލާމަތްވި އެވަޓަންއަށް އޭނާ ވަނީ 24 މެޗު ކުޅެދީފައެވެ.

އުމުރުން ފަސް އަހަރުން ފެށިގެން ވިންކްސް ކުޅެފައިވަނީ ސްޕާސްގައެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ސްޕާސް އަށް ތައާރަފުވި ފަހުން ހުރިހާ މުބާރާތެއް ހިމެނޭހެން 203 މެޗު ކުޅެފައެވެ. އޭނާ ލެސްޓާ އަށް ބަދަލުވަނީ ލެސްޓާގެ މެޑިސަން ޓޮޓެންހަމްއަށް ބަދަލުވިތާ ތިން ދުވަސް ފަހުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އަށް 128 މެޗު ކުޅެދިން ވިންކްސް އަކީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިވަޕޫލް އަތުން ބަލިވި މެޗުގައި ޓޮޓެންހަމް ގެ ޓިމުގައި ހިމެނުނު ކުޅުންތެރިއެކެވެ.

މިދިޔަ ސީޒަނުގެ ފަހު ދުވަހު ރެލިގޭޓްވުމަށް ފަހު ލެސްޓާ އިން ޗެމްޕިއަންޝިޕް ކެމްޕޭން ފަށާނީ އޮގަސްޓް 6 ވާ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ކޮވެންޓްރީ ސިޓީއާ ދެކޮޅަށެވެ.

- ކޮމެންޓް