21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ)ގެ ސެމީގެ ފުރަތަމަ ދެ ޖާގަ ސްޕެއިނާއި އިސްރާއީލުން ހޯދައިފިއެވެ.
ސްޕެއިން ސެމީން ޖާގަ ހޯދީ ކުއާޓަރ ފައިނަލުގައި ސްވިޒަލޭންޑުގެ މައްޗަށް 2-1ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗު ސްޕެއިނުން ކާމިޔާބުކޮށްފައި ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ.
ދެ ޓީމުގެ ފަރާތުންވެސް މެޗުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ހޯދައި، ގޯލަށް ގިނައިން ނުރައްކާކޮށްފައިވަނީ ސްޕެއިނުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.
މެޗުގެ 68 ވަނަ މިނެޓުގައި ސްޕެއިނަށް ކުރި ހޯދައިދިނީ ސާޖިއޯ ގޮމޭޒްއެވެ. ގޮމޭޒްއަކީ މެންޗެސްޓަރ ސިޓީގެ ޒުވާން ކުޅުންތެރިއެކެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގައި ސްވިޒަލޭންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ޒެކީ އަމްދޫނީއެވެ. މެޗުގެ 90 މިނެޓު ކުޅެ ނިމުނުއިރު ދެ ޓީމު ވަނީ 1-1ން އެއްވަރު ވެފައެވެ. ސްޕެއިން މޮޅުކޮށްދިން ލަނޑު، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖަހައިދިނީ ހުއާން މިރަންޑާއެވެ.
އިސްރާއީލް ސެމީގެ ޖާގަ ކަށަވަރުކުރީ ޕެނަލްޓީ ޖަހައިގެން ޖޯޖިއާ ބަލިކުރުމަށްފަހުއެެވެ. މެޗުގެ 90 މިނެޓާއި އިތުރު ވަގުތުގެ ކުޅުން ނިމުނުއިރުވެސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އިސްރާއީލުން ވަނީ ޖެހި ހަތަރު ޕެނަލްޓީވެސް އެތެރެކޮށްފައެވެ. ޖޯޖިއާގެ ޖިއޯޖީ ގާގުއާ އަދި ސާބާއަށް ޕެނަލްޓީ ވައްދާލެވޭ ގޮތެއް ނުވިއެވެ. ޕެނަލްޓީ ޖަހައިގެން އިސްރާއީލް މޮޅުވީ 4-3ންނެވެ.
މުބާރާތުގެ ތިންވަނަ ކުއާޓަރގައި ބައްދަލުކުރާނީ އިންގްލެންޑާއި ޕޯޗުގަލެވެ. އަދި ކުއާޓަރގެ ފަހު މެޗުގައި ކުޅޭނީ ފްރާންސާއި ޔޫކްރެއިނެވެ.