މިހާރު ކުރިއަށްދާ 21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ)ގެ ގުރޫޕު އޭގެ އެއްވަނަ ޖޯޖިޔާ، ގުރޫޕު ބީގެ އެއްވަނަ ސްޕެއިން ހޯދައިފިއެވެ.
ގުރޫޕު ސްޓޭޖްގެ ފަހު މެޗަށް ނިކުތްއިރު ގުރޫޕު އޭގެ ހުރިހާ ޓީމަކަށްވެސް ކުއާޓަރއަށް ދިއުމުގެ ފުރުސަތު އޮތެވެ. ޖޯޖިޔާއިން ގުރޫޕުގެ އެއްވަނަ ހޯދީ އަންގާރަ ދުވަހު ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗު 1-1ން އެއްވަރުކޮށްގެނެވެ. މެޗުގެ 42 ވަނަ މިނެޓުގައި ޖޯޖިޔާގެ ޒުރާބް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނެދަލޭންޑްސްގެ ޓޭލާ ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެވަނަ ޓީމެއްގެ ގޮތުގައި މި ގުރޫޕުން ކުއާޓަރއަށް ދަތުރުކުރީ ޕޯޗުގަލްއެވެ. ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗު ފެށިއިރު ޕޯޗުގަލް އޮތީ ތާވަލުގެ ފުލުގައެވެ. ނަމަވެސް ޕޯޗުގަލްއިން ވަނީ 2-1ން މެޗު ކާމިޔާބުކޮށް ކުއާޓަރއިން ޖާގަ ހޯދާފައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ޕޯޗުގަލްގެ ޕެޑްރޯ ވަނީ ޓީމަށް ކުރިހޯދައިދީފައެވެ. ނަމަވެސް އޭގެ ނުވަ މިނެޓު ފަހުން ބެލްޖިއަމްގެ ވަރޓެސެން ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޕޯޗުގަލް މޮޅުކޮށްދިނީ ތިއާގޯއެވެ. ފަސް ޕޮއިންޓާއެކު ޖޯޖިޔާ، ގުރޫޕުގެ އެއްވަނަ ހޯދިއިރު ޕޯޗުގަލްއަށް ދެވަނަ ލިބުނީ ހަތަރު ޕޮއިންޓާއެކުއެވެ.
ފަހު މެޗަށް ނިކުތް އިރުވެސް ގުރޫޕު ބީގެ ސްޕެއިންއާއި ޔޫކްރެއިން ވަނީ ކުއާޓަރގެ ޖާގަ ކަށަވަރުކޮށްފައެވެ. ދެ ޓީމުވެސް ވަނީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓު ހޯދާފައެވެ. އަންގާރަ ދުވަހު ސްޕެއިންއާއި ޔޫކްރެއިން ބައްދަލުކުރި މެޗު ނިމުނީ 2-2ން އެއްވަރުވެގެންނެވެ. މެޗުގެ 43 ވަނަ މިނެޓުގައި ޔޫކްރެއިންއަށް ކުރިހޯދައިދިނީ ވިއުނިކްއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓު ތެރޭގައި ޔޫކްރެއިންގެ އިވާން އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. އޭގެފަހުން މެޗުގެ 80 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ޔޫކްރެއިންއަ ލީޑު ނަގައިދިނީ ސުޑަކޯވްއެވެ. މެޗުގެ ފަހު މިނެޓުގައި ސްޕެއިންއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެބެލް ރުއިޒްއެވެ. މި މެޗު އެއްވަރު ވުމުން ދެ ޓީމަށްވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ފައިދާ ގޯލުން ކުރިހޯދައިގެން އެއްވަނަ ލިބުނީ ސްޕެއިންއަށެވެ. ސްޕެއިންއަށް ފައިދާ ހަތަރު ގޯލު ލިބިފައިވާއިރު ޔޫކްރެއިންއަށް ލިބުނީ ފައިދާ ތިން ގޯލެވެ.
21 އަހަރުން ދަށުގެ ޔޫރޯގައި އިންގްލެންޑް އަދި ފްރާންސްވެސް ވަނީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓު ހޯދާފައެވެ.