ކ. މާލެ
|
2 ޖުލައި 2023 | އާދީއްތަ 10:24
ގްރީސް ކައިރިއަށް ފެތުނު ބޯޓު
ގްރީސް ކައިރިއަށް ފެތުނު ބޯޓު
ރޮއިޓާސް
ގްރީސް ކައިރިއަށް ފެތުނު ބޯޓު
ގްރީސް ކައިރިއަށް ފެތުނު ބޯޓުން އިތުރު ހަތަރު މީހަކު މަރުވިކަން ކަށަވަރުވެއްޖެ
ހާދިސާގައި މަރުވެފައިވާ މީހުންގެ ޢަދަދު މިހާރު 82ށް އަރާ

ގްރީސްގެ އައްސޭރިފަށުގެ ސަރަޙައްދަކަށް ޖޫން މަހުގެ 14 ވަނަ ދުވަހު ގްރީސްގައި ހިނގި ހިތާމަވެރި ހާދިސާގައި ޕާކިސްތާނުގެ ޕަންޖާބުގެ ސަރައި އަލަމްގީރުގެ އިތުރު ހަތަރު މީހަކު މަރުވެފައިވާކަން އޮފިޝަލުން ކަށަވަރުކޮށްދީފައިވާ ކަމަށް ޕާކިސްތާނުގައި ހުންނަ އޭއާރުއައި ނިއުސް އިން ބުނެފިއެވެ.

މަރުވި މީހުންނަކީ ޝަބީރު އަހުމަދާއި، ޝޮއައިބު ބާއިގާއި، އައްސަދު ބާއިގާއި، މިރްޒާ މުބީން އެވެ. މީގެ އިތުރުން ގެއްލިގެން މީހުންތައް ހޯދަމުން އަންނައިރު ޕާކިސްތާނުގެ ސިއަލްކޯޓްއަށް ނިސްބަތްވާ 12 މީހަކު ހޯދަމުންދާ ކަމަށް ވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

މި ހާދިސާގައި މަރުވެފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 82ށް އަރާފައެވެ. ނަމަވެސް، ބޯޓުގެ ތެރޭގައި އިތުރު ބަޔަކު ތާށިވެ މަރުވެފައިވާ ކަމަށް ބެލެވޭތީ، އެ މީހުންގެ ހަށިތައް ހޯދުމަށް ގްރީސްގެ ކޯސްޓްގާޑުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން 104 މީހުން ވަނީ ސަލާމަތްކޮށްފައެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ 12 މީހުން ހިމެނޭ ކަމަށް އެ ޤައުމުން ބުނެއެވެ.

މި ހާދިސާ ހިނގި ވަގުތު ބޯޓުގައި 400 އާއި 750 ދެމެދުގެ ޢަދަދަކަށް މީހުން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ފުރިހަމަ ޢަދަދު އަދިވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ބޯޓު ފެތިފައި ވަނީ ދަންވަރުގެ ވަގުތުގައި ވަރަށް ފުން ހިސާބަކަށެވެ. ޕާކިސްތާންގެ ރެފިއުޖީންގެ އިތުރުން ބޯޓުގައި ދެން ތިބީ މިޞްރާއި ސޫރިޔާގެ ރެފިއުޖީން ކަމަށް ބެލެވެއެވެ.

ޕާކިސްތާނުގެ ތަހުޤީޤީ އިދާރާ – ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީ (އެފް.އައި.އޭ)އިން ބުނީ، އެ ބޯޓުގައި ދަތުރުކުރި ކަމަށް ބެލެވޭ 209 މީހެއްގެ ޢާއިލާގެ މެންބަރުންގެ ޑީ.އެން.އޭ ސާމްޕަލް ލިބިފައިވާ ކަމަށާއި، މަރުވި މީހުންނަކީ ކޮން ބަޔެއްކަން ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ ޕުންޖާބާއި ކަޝްމީރުގެ ރައްޔިތުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ފެތުނު ބޯޓުގައި ތިބީ ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން މަސައްކަތް ކުރި ބައެކެވެ. މިއީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ މި ފަދަ އެންމެ ހިތާމަވެރި އެއް ހާދިސާއެވެ. މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

ބޯޓު ފެތުމުގެ ކުރިން ގްރީސްގެ ކޯސްޓްގާޑުން ވަނީ އެ ބޯޓުގައި ދަތުރުކުރަމުންދިޔަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް، އިޓަލީވިލާތަށް ދަތުރުކުރަން ބޭނުންވާ ކަމަށް ބުނެ، އެ މީހުން ވަނީ ގްރީސްގެ ކޯސްޓްގާޑުން އެހީތެރިކަން ހޯދަން އިންކާރުކޮށްފައެވެ.

އެ ބޯޓު ފުރާފައި ވަނީ ލީބިޔާގެ ތުބްރުކުންނެވެ. އޭގެ ކުރިން އެ ބޯޓު ވަނީ މިޞްރުގައި ވެސް ބަނދަރުކޮށް ގިނަ ޢަދަދެއްގެ ރެފިއުޖީން އަރުވާފައެވެ.

- ކޮމެންޓް