ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ހިންނަވަރަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު ހިންނަވަރަށް ވަޑައިގެންނެވީ ހުކުރު ދުވަހުގެ ހެނދުނެވެ. އެމްޑީޕީން ބުނީ ރައްޔިތުންނާއެކު އީދު ފާހަގަ ކުރެއްވުމަށް ރައީސް ނުރަސްމީ ދަތުރުފުޅެއްގައި އުފަންރަށް ހިންވަރަށް ވަޑައިގެންފައިވާ ކަމަށެވެ.
މިފަހަރު ހިންނަވަރުގައި ވެސް ވަރަށް ކުލަގަދަކޮށް އީދު ފާހަގަކޮށްފައިވެއެވެ. އެގޮތުން ކަލަރ ރަންް މާލި ޕެރޭޑް ފަދަ ހަރަކާތްތައް ވަނީ ބާއްވާފައެވެ. މީގެ އިތުރުން ބޭރުން ލަވަކިޔާ ފަންނާނުން ގެނެސް ޝޯވ ވެސް ވަނީ ބާއްވާފައެވެ.
ހިންނަވަރުގައި މިއަދު ކުރިއަށްގެންދާ ބައެއް ހަރަކާތްތަކަށް ބަލާއިރު ކުޑަކުދިންގެ ހަވީރެއްގެ އިތުރުން މިރޭ ހަވާ އެރުވުން އޮންނާނެއެވެ. އަދި މާދަމާ ވާދެމުމުގެ މުބާރާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ހިންނަވަރަށް ވަޑައިގެންފައިވާއިރު އެމަނިިކުފާނު ވަނީ އަނބިކަނބަލުން ފަޒްނާ އަޙްމަދާއެކު އަރިއަތޮޅު އުތުރުބުރީ ތޮއްޑޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއެކު އަޟުޙާ ޢީދުގެ އުފާ ފާޅުކުރުމުގައި ޖޫން 28 ވަނަ ދުވަހު ބައިވެރިވަޑައިގެންފައެވެ. އަދި ތޮއްޑުއަށް ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ, އެ ދެކަނބަލުންގެ ޝަރަފުގައި ތޮއްޑޫގެ ކަނބަލުންގެ ފަރާތުން ދެއްވި ޢީދު ދުވަހުގެ ޚާއްޞަ ޘަޤާފީ މެންދުރުގެ ފަރިއްކޮޅެއްގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.