ކ. މާލެ
|
29 ޖޫން 2023 | ބުރާސްފަތި 08:04
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ފޮނުވި ފައިސާ 100 މިލިއަނުން އިތުރުވެއްޖެ
މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް ފޮނުވާފައިވަނީ 376.6 މިލިއަން ރުފިޔާ
މިހާތަނަށް ދައުލަތުން ވަނީ 19.8 ބިލިއަން ރުފިޔާގެ ޚަރަދުކޮށްފައި

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 489.5 މިލިއަން ރުފިޔާ ފޮނުވައިފިއެވެ.

އަހަރުގެ މިހާތަނަށް ދައުލަތުން ކޮށްފައިވާ ޚަރަދުގެ ތަފާސްހިސާބުތައް ފިނޭންސް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. ތަފާސްހިސާބުގައިވާގޮތުން މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިނން ޑިވެލޮޕްމެންޓް ފަންޑަށް ފޮނުވި އަދަދު ވަނީ 489.5 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ފޮނުވި އަދަދަށްވުރެ 110 ވަރަކަށް މިލިއަނަށް ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ފޮނުވާފައިވަނީ 376.6 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުގައި ވާގޮތުން އަހަރުގެ މިހާތަނަށް ދައުލަތުން ކުރި ޚަރަދު ވަނީ 19.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ވަރަށް ބޮޑުތަނުން އިތުރު އަދަދެެކެވެ. މިގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 16.6 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިއަހަރު ރިކަރަންޓް ޚަރަދުގެ ގޮތުގައި 13.6 ބިލިއަން ރުފިޔާ ހިނގާފައިވެއެވެ. މިގޮތުން މުސާރައާއި އިނާޔާތް ދިނުމަށް ދައުލަތުން ވަނީ މިހާތަނަށް 4.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މިގޮތުން ހަމައެކަނި މުސާރައަސް 2.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މުވައްޒަފުންގެ އިނާޔަތްތައްތަކަށް 1.9 ބިލިއަން ރުފިޔާ ހިނގާފައިވެއެވެ. މީގެ އިތުރުން ޕެންޝަނާއި، ރިޓަޔަރވުމުން ދޭ ޕެންޝަން ދިނުމަށް 770.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ޚަރަދުގެ ގޮތުގައި 8.4 ބިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ދައުލަތުގެ ޚަރަދުގައި ކުރި ދަތުރުތަކަށް ކުރި ކަރަދު 109.3 މިލިއަން ރުފިޔާއަށް އަރައެވެ. އަދި އިދާރީ އެހެނިހެން ކަންކަމާ ގުޅޭ ޚަރަދުތައްވެސް ހާމަކޮށްފައިވެއެވެ. މީގެ އިތުރުން އާސަންދައަށް މިހާތަނަށް 1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އަދި ކައުންސިލްތަކަށް ދޭ ގްރާންޓުގެ ގޮތުގައި 785 މިލިއަން ރުފިޔާ މިހާތަނަށް ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި އެހެނިހެން ގްރާންޓުގެ ގޮތުގައި 552 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

ކެޕިޓަލް ޚަރަދުގެ ގޮތުގައި 6.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިގޕޮތުން ކެޕިޓަލް އިކުއިޕްމެންޓަށް 219.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި އިންފްރާސްޓްރަކްޗަރ އެސެޓަށް 4.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެކި އިންވެސްޓްމެންޓުތަކަށް ކޮށްފައިވާ ޚަރަދު 647.3 މިލިއަން ރުފިޔާއަށް އަރައެވެ.

ދައުލަތުން މިހާތަނަށް 1 ބިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކާފައިވެއެވެ. އަދި ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް 5.1 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

- ކޮމެންޓް