ހުޅުމާލެ ހޮސްޕިޓަލުން ދެމުން އަންނަ ފަރުވާގެ ތެރެއިން ޑެންޓަލް ނުވަތަ ދަތުގެ ފަރުވާއަށް ހާއްސަ ޑިޕާޓްމަންޓެއް އުފައްދަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް މޫސާ ޚަލީލް ވިދާޅުވެއްޖެއެވެ.
ޚަލީލް މިފަދައިން ވިދާޅުވެފައިވައިވަނީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މައުލޫމާތު ދެއްވަމުންނެވެ. އެގޮތުން، ހުޅުމާލެ ހޮސްޕިޓަލުގެ ޑެންޓަލް ޚިދުމަތް ފުޅާ ކުރުމަށް ނިންމާފައިވަނީ އެ ޚިދުމަތަށް އޮންނަ ޑިމާންޑް އިތުރުވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި މިވަގުތު ޑެންޓަލް ޚިދުމަތް ދިނުމަށް ބޭނުން ކުރަނީ ދެ ޑެންަލް ޗެއަރއެވެ. ނަމަވެސް ޚިދުމަތަށް އެދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާތީ ޑެންޓަލް ޑިޕާޓްމަންޓެއް އުފައްދަން ނިންމީ ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި މި ޑިޕާޓްމަންޓު އުފެއްދުމާއެކު ގޮނޑީގެ އަދަދު 6 އަށް އިތުރުވާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ ޑެންޓަލް ޚިދުމަތުގެ އިތުރުންވެސް އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކަށް އޮންނަ ޑިމާންޑް ދުވަހަކަށްފަހު ދުވަހެއް ދަނީ އިތުރުވަމުންނެވެ. މި ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މިހާރުވެސް އެ ހޮސްޕިޓަލުން ގިނަ ކަންކަން ކުރަމުން އަންނަ ކަން ޚަލީލް ފާހަގަކުރެއްވިއެވެ.
ޑެންޓަލް ޚިދުމަތްދޭ ވަކި ޑިޕާޓްމަންޓެއް އުފެއްދުމަށް ހުޅުމާލެ ހޮސްޕިޓަލުން ތައްޔާރުވަމުން އަންނައިރު އެ ހޮސްޕިޓަލުގައި މިހާރުވެސް ލޮލުގެ ފަރުވާއަށް ހާއްސަ ޑިޕާޓްމަންޓަކާއި ކެންސަރު ފަރުވާއަށް ހާއްސަ ޑިޕާޓްމަންޓަކާއި ނަފްސާނީ ފަރުވާތަކަށް ހާއްސަ ޑިޕާމަންޓެއް ހުރެއެވެ. މިއީ ވެސް ގިނަ ބައެއްގެ ޑިމާންޑް އޮންނަ ޚިދުމަތްތަކެވެ.