މުސްލިމުންނަކީ އީދު ވަރަށް ކުލަ ގަދަކޮށް ފާހަގަކުރާ ބަޔެކެވެ. އީދަށް ތައްޔާރުވުމުގެ ގޮތުން ތަފާތު އެކި ކަންތައްތައް ކޮށް އުޅެއެވެ. އެގޮތުން އީދަށް ލާނެ އައު ހެދުމެއް ހޯދުމާއި ފެންވަރާއި ނަލަވެގެން އީދު ނަމާދަށް ދިޔުން ހިމެނެއެވެ. އީދާ އެންމެ ބޮޑަށް ގުޅިފައިވާ ކަމަކީ ހަމަ ޔަގީނުންވެސް ކެއުމެވެ. އީދު ނަމާދުން ފައިބައިގެން އާއިލާ މީހުންނާއި ގާތްތިމާގެ މީހުންގެ ގޭގެއަށް ސައިބޯން ދެއެވެ. އެއަށްފަހު މެންދުރު ކެއުންވެސް އޮވެއެވެ.
މިކަހަލަ ގޮތަކަށް ދިވެހިން އީދު ފާހަގަކުރަމުންދާއިރު މާލެއަށް ވުރެ ރަށްތަކުގައި އީދު ފޯރިއާއެކު ފާހަގަކުރެއެވެ. އީދު މަޅި ޖަހާ، ސަޤާފީ އެކި ހަރަކާތްތައް ވެސް ކުރިއަށް ގެންދެއެވެ. މާލޭގައި ދިރިއުޅޭ ގިނަ މީހުން އީދާ ދިމާކޮށް ދަނީ ރަށެވެ. ވަޒީފާތަކުގައި އުޅޭ މީހުން ދަނީ ޗުއްޓީ ނަގައިގެންނެވެ. ގިނަ މީހުން ރަށްތަކަށް ގޮސް އީދު ފާހަގަކުރާއިރު ވަޒީފާގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އީދު ބަންދުގައި މާލޭގައި ތާށިވެފައި މީހުންނަށް ތިބެން ޖެހެއެވެ.
މިފަހަރުގެ އަޟްހާ އީދަށް ބަލާއިރު މާލެސިޓީ ތަފާތެވެ. މާލޭގެ މަގުތަކަށް ބަލައިލުމުން ފެންނަނީ ގިޑިގެތަކާއި ކުލަބޮކިތަކުން މާލެ ދިއްލާފައިވާ މަންޒަރެވެ. ބަލައިލަން ވަރަށް ވެސް ހިތްގައިމެވެ. މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި މާލެސިޓީ ކައުންސިލުން ވަނީ ދިއްލާފައެވެ. މިއީ އީދަކަށް މާލޭގައި އެއްފަހަރާ މިހާ ގިނަ ބޮކި ދިއްލި ފުރަތަމަ ފަހަރެވެ. ރަށްރަށަށް ނުގޮސް މާލޭގައި ތާށިވެފައި ތިބެން ޖެހުނު މީހުންނަށް މިފަހަރު އީދުގެ އިހުސާސް މާލޭގެ މަގުތަކަށް ބަލައިލުމުން ކުރެވިގެންދެއެވެ.
އެކި ކުލަ ކުލައިގެ ލެޑްތަކުން މާލެ ޒީނަތްތެރިކޮށްފައިވަނީ ނުހަނު ޗާލުކޮށެވެ. މާލޭގައި ވަށައިގެން ބުރު ޖަހާލުމުން އެންމެ ގިނައިން ފެންނަ މަންޒަރަކީ އެ ގިޑިގެތަކުގެ ދަށުގައި މީހުން ހުއްޓިލައިގެން ފޮޓޯ ނަގާ މަންޒަރެވެ. ނުވަތަ ސައިކަލު ފަހަތުގައި އިނދެގެން އެ މަންޒަރު ވީޑިއޯ ކުރާ ތަނެވެ.
މާލެސިޓީ ކައުންސިލުން ބުނީ ރާއްޖެއަކީ 100 އިންސައްތަ މުސްލިމް ޤައުމަކަށްވާއިރު އަދި މާލެއަކީ ވެރިކަން ކުރާ ރަށަށް ވާއިރު، ޢީދު ފަދަ މުސްލިމުން ފާހަގަ ކުރާ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަކުރަން ޖެހޭ ކަމަށް ޤަބޫލުކުރާ ކަމަށެވެ. ޢީދާ ދިމާކޮށް ގިޑިގެތަކާއި ބޮކިތަކުން މާލެ ދިއްލީ ޢީދަށް މަރުހަބާ ކިޔުމަށް ޒަމާނީ ވިސްނުމެއްގައި ކަމަށާއި ދުނިޔޭގެ ބައެއް އިސްލާމީ ޤައުމުތަކުގައި އެފަދަގޮތަކަށް ކަންކަން ކުރާކަމަށް ވެސް ކައުންސިލުން ބުންޏެވެ. ކައުންސިލުން މިހެން ނިންމާފައިވާއިރު މި ލެޑްލައިޓަތަކުގައި އަރަބި ބަހުން އީދު މުބާރަކް ވެސް ޖަހާފައި ހުރެއެވެ. އެހެން އީދުތަކާ ހިލާފަށް މިފަހަރުގެ އީދު ޚާއްސަވެގެން ދަނީ މާލޭގެ މަގުތަކަށް ބަލައިލުމުން، މާލެއަށް އީދެއް އައިސްގެން އުޅޭކަމުގެ އިހުސާސް ކުރެވޭތީއެވެ. މިފަހަރުގެ އީދަށް މާލޭގައި ތިބި މީހުން މަރުހަބާ މިކީ ގިޑިގެތަކާއި ކުލަބޮކިތަކުންނެވެ.