ކ. މާލެ
|
27 ޖޫން 2023 | އަންގާރަ 09:28
މާލެ
މާލެ
ގެޓީ އިމޭޖަސް
މާލެއިން ގޯތި ދޫކުރުން
އުމުރު ދުވަހު އުޅުނު ދަތި ހާލަށް ނިމުމެއް، މާލޭ ރަށްވެހިން އުފަލުން ފޮޅިފައި!
ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު ވަނީ އާންމުކޮށްފައި
ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދިނުމަށް ރައީސް ވަނީ ނިންމަވާފައު
މާލޭ ރައްޔިތުންގެ ދިރިއުޅުން ބަދަލުވެދާނެ ކަމުގެ އުންމީދު ވަނީ އާލާވެފައި

މާލޭ ރައްވެހިންނަށް މާލެއިން ގޯތި ދޫނުކޮށް ތިރީސް އެތައް އަހަރެއް ވެގެން ދިޔަ ފަހުން، އެމީހުންނަށް ގޯތި ދެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. މީގެ ކުރިން އެތައް ރައީސުންނެއް ވެރިކަން ކުރައްވައިފިއެވެ. އެހެންނަމަވެސް، ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ގޯތި ހައްގުވާ ފަދައިން އެމީހުންނަކީވެސް އެމީހުންގެ އަމިއްލަ ރަށުން ގޯތި ހައްގުވާ ބައެއްކަން އެނގިލެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށެވެ.

އެމަނިކުފާނު ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 3 ވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި މާލޭ ރައްވެހިންނަށް ވައުދެއް ވެވަޑައިގެންފައެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނު ދަމާ، ބިން ކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު

އެމަނިކުފާނު އެދުވަހު ވެލެއްވި ވައުދާ އެއްގޮތަށް މިއަދު މިވަނީ މިކަންވެސް ކޮށްދެއްވާފައެވެ. މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހުޅުވާލި ފުރުސަތުގައި ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު ވަނީ އާންމުކޮށްފައެވެ. 19،858 މީހުން ގޯއްޗަށް ޝަރުތުހަމަވެއެވެ. އެހެންނަމަވެސް މިފަހަރު ފުރުސަތު ހުޅުވާލީ 5،000 ގޯއްޗަށް ކަމުން 10،314 މީހުންނަށް ގޯތި ހަމަޖެހިގެންދެއެވެ. ގޯއްޗަށް ޝަރުތުހަމަވާ 9،544 މީހުން ބާކީ ތިބިއިރު، އެމީހުންނަށް ގޯތި ނުދީ ބިކަކޮށްލުމުގެ ވިސްނުމެއް ރައީސުލްޖުމްހޫރިއްޔާ ނުގެންގުޅުއްވައެވެ. ރައީސްގެ ވިސްނުންފުޅަކީ ކައިރި މުސްތަގުބަލެއްގައި އެ 9،544 މީހުންނަށްވެސް ގޯތި ހަމަޖައްސަވައިދެއްވުމެވެ.

މިއާއެކު މާލޭ ރައްޔިތުންނަށް ވަނީ ނުހަނު ބޮޑު އުންމީދެއް ލިބިފައެވެ. އެމީހުން ދިރިއުޅެމުންދާ ދަތި ހާލުން އަރައިގަނެވޭނެ ކަމުގެ އުންމީދު ލިބިފައެވެ. ނޭވާލާނެ ޖާގަ ލިބޭނެކަން ކަށަވަރުވެފައެވެ.

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ތެރެއިން ރާއްޖެޓީވީއާ ވާހަކަދެއްކި މީހަކު ވަނީ އޭނާ ދިރިއުޅެމުންދާ ހާލަތު ހިއްސާކޮށްފައެވެ. 4 މީހުންގެ އާއިލާއާއެކު ދިރުއުޅެމުންދަނީ 1،200 އަކަފޫޓުގެ ކުޑަ މުސަޅު ކޮށްޓެއް ފަދަ ތަނެއްގައިކަމަށް އޭނާ ސިފަކުރެއްވިއެވެ. ނިދަނީ ޑިއުޓީ ބަހައިގެންނެވެ.

ވަރަށް ދަތީގައި އުޅެނީ މި އުޅެނީ. ކުރިއަށްއޮތްތަނުގައި ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދުކުރަން. ސަރުކާރުން މިކަން ކޮށްދެއްވީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން.
މާލެ ސަރަހައްދުން ގޯތި ލިބޭ މީހެއް

ހަމަ މިގޮތަށް ގޯތި ލިބޭ އެހެން މީހަކު ކިޔައިދިން ގޮތުގައި އޭނާގެ މުޅި އާއިލާ ދިރިއުޅެމުންދަނީ ވަރަށް ކުޑަ ތަންކޮޅެއްގައެވެ. ކޮންމެ އާއިލާއެއް 12 ފޫޓުގެ ކުޑަ ތަންކޮޅެއްގައި ދަތި ހާލުގައި ދިރިއުޅެމުންދާއިރު ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނަން ހިމެނުނީތީ އުފާކުރާ ކަމަށް އޭނާ ބުންޏެވެ. އުންމީދަކީ ލިސްޓުން ނަން އުނި ނުވުން ކަމަށް އޭނާ ބުންޏެވެ.

ހަމަ މިފަދަ ދަތި ހާލެއްގައި 5 މީހުން 6 މީހުންގެ އާއިލާތައް މާލޭގައި ދިރިއުޅެމުންދެއެވެ. ކުދި ކުދި ތަންތަންކޮޅުގައި މުޅި އުމުރު މިފަދަ ހާލެއްގައި އުޅެފައިވާ މީހުން ތިބިއިރު، ގޯތި ލިބޭނެކަން ކަށަވަރުވި އާއިލާތައް މިއަދު ތިބީ ބަޔާންކުރަންވެސް ނޭނގޭހާ އުފަލުންނެވެ. އެމީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުންމީދު އާލާވެފައެވެ.

މީގެ ކުރީ ސަރުކާރުން ބިން ވިއްކުމަށް ހުޅުވާލައި، ވަގުތީ ލިސްޓުގައި ނަން ހިމެނި، ދާއިމީ ލިސްޓު ނެރުނުއިރު ނަން އުނިވެފައިވާތީ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ. އެހެންނަމަވެސް، މި ސަރުކާރުން އެފަދަ ކަމެއް އެގޮތަށް ނުކުރާނެ ކަމުގެ ޔަގީންކަން ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ ދެއްވާފައެވެ.

މާލެ ސަރަހައްދުން ބިން ދޫކުރުމަށް ޚާއްސަ ޕްލޭނެއްގެ ދަށުން މިހާހިސާބަށް އާދެވިފައިވާއިރު، މި މަސައްކަތަކީ މިހާ ހިސާބުން ހުއްޓޭނެ މަސައްކަތެއް ނޫނެވެ. މި މަސައްކަތް ހުއްޓާލާނީ އިން ވަކިކޮށް، ރޯނު ދަމާ، ބިން ކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހުގައިކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.

- ކޮމެންޓް