ކ. މާލެ
|
26 ޖޫން 2023 | ހޯމަ 21:02
އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލްގެ ޗެމްޕިއަންކަން ހޯދި ގާފިލާ
އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލްގެ ޗެމްޕިއަންކަން ހޯދި ގާފިލާ
އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް
އެފްޑީއެސް ސްޕޯޓްސް ފެސްޓިވަލް: ހަވަރު ބަލިކޮށް ގާފިލާ އިން ތަށި އުފުލާލައިފި
ފައިނަލްގައި ގާފިލާ އިން ހަވަރުގެ މައްޗަށް ކުރި ހޯދީ ތިން ސެޓު އެއް ސެޓުން

ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) އިން އިންތިޒާމުކޮށްގެން ބާއްވާ އަންހެން ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގާފިލާ އިން ހޯދައިފި އެވެ.

ގާފިލާ އިން މުބާރާތް ކާމިޔާބު ކުރީ ހޯމަ ދުވަހުގެ ހަވީރު ކުޅުނު ފައިނަލްގައި ހަވަރުގެ މައްޗަށްް ތިން ސެޓު އެއް ސެޓުން ކުރި ހޯދައިގެންނެވެ. މިއީ މުބާރާތުގައި މި ދެ ޓީމު ބައްދަލު ކުރި ދެ ވަނަ ފަހަރެވެ. ލީގު އުސޫލުން ކުރިއަށް ދިޔަ މުބާރާތުގެ ލީގު ބުރުގައި ވެސް މި ދެ ޓީމު ވަނީ ބައްދަލު ކޮށްފަ އެވެ. ފަސް ސެޓު ކުޅެގެން އެ މެޗު ކާމިޔާބު ކުރީ ވެސް ގާފިލާ އިންނެވެ.

ވާދަވެރި ކުޅުމަކަށް ފަހު ފައިނަލް މެޗުގެ ފުރަތަމަ ސެޓު ގާފިލާ އިން ކާމިޔާބު ކުރީ 25-23 އިންނެވެ. ނަމަވެސް ހަވަރުން ވަނީ ޖެހިގެން އައި ދެ ވަނަ ސެޓު 17-25 އިން ކާމިޔާބުކޮށް މެޗުގެ ތެރެއަށް ވަދެފަ އެވެ. ތިން ވަނަ ސެޓާއި، ހަތަރު ވަނަ ސެޓުގައި ގާފިލާ އިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ ޓީމުން ތިން ވަނަ ސެޓު ކާމިޔާބު ކުރީ 25-19 އިންނެވެ. އަދި ހަތަރު ވަނަ ސެޓު ކާމިޔާބު ކުރީ 25-22 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގާފިލާގެ ސިތުރާ އިދުރީސް އެވެ.

އެފްޑީއެސް އިން ކުރިއަށް ގެންދިޔަ މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ޗެމްޕިއަން ގާފިލާ ޓީމުގެ ސިތުރާ، ސިފާ އާދަމް، ލީމް އަޙުމަދު ލަތީފް، ހަވަރު ޓީމުގެ ޢިބާ ޢަބްދުﷲ، މަންތިރި ޓީމުގެ އައިމިނަތު ޒަމީލާ އަދި އީސަލް އަލީ އެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯ އަކަށް ހޮވުނީ ގާފިލާގެ އައިޝަތު ޝިޔާ އަޙުމަދު އެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ އައިޝަތު ނައުހާ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ހަވަރު ޓީމުގެ އަޙުޒަމް ޢަބްދުﷲ އެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެ ޓީމުގެ ޢިބާ އެވެ.

މިއީ އެފްޑީއެސް އިން އެ ޖަމިއްޔާގެ އަންހެން މެންބަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތެވެ. މިއަހަރުގެ ޢަޟްޙާ އީދާ ދިމާކޮށް، ފިރިހެން ވޮލީ މުބާރާތެއް ބޭއްވުމަށް ވެސް އެ ޖަމިއްޔާ އިން އަންނަނީ ތައްޔާރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް